އިތުރު ވަގުތު ޖެހި ލަނޑާއެކު ޓިއުނީސިއާ ރޮއްވާލުމަށް ފަހު އިނގިރޭސިން މޮޅުވެއްޖެ

ވޯލްޑްކަޕް 2018 ގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ތިން ވަނަ މެޗު 2 ލަނޑު 1 ލަނޑުން އިނގިރޭސިން ކާމިޔާބު ކޮށްފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ އިނގިރޭސިންނެވެ. އެއީ މެޗުގެ 11 ވަނަ މިނިޓުގައި ކެޕްޓަން ހެރީ ކޭން ޖެހި ލަނޑެކެވެ. އެ ލަނޑާއެކު ޓުއުނީސިއާގެ ގޯލްކީޕަރަށް އަނިޔާ ވެގެން ދަނޑުން ބޭލުމަށް ފަހު އޭނާގެ ބަދަލުގައި ބަދަލު ގޯލްކީޕަރު ކުޅެން ނުކުތެވެ. ޓިއުނީސިއާވެސް ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. އެއީ ލިބުނު ޕެނަލްޓީއަކުން 34 ވަނަ މިނިޓުގައި ފަރްޒާނީ ސެސީ ޖެހި ލަނޑެކެވެ. އޭނާ ޖެހި ޕެނަލްޓީ ގޯލަށް ވަނީ އިނގިރޭސި ގޯލްކީޕަރުގެ އަތުގައި ޖެހިފައެވެ.

އެއްވަރު ކުރި ލަނޑު ޖެހުމަށް ފަހު ޓިއުނީސިއާގެ ކުޅުން ތަންކޮޅެއް ހަރުކަށި ވެގެން ދިޔައެވެ. ހާފު ނިމެން ކައިރި ވެފައި ވަނިކޮށް އިނގިރޭސިންނަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބުނެވެ.

ދެވަނަ ހާފު ފެށިގެން އިނގިރޭސިން ކުރި އަރައި ރަނގަޅަށް ކުޅެމުން ދިޔައެވެ. އެކަމަކު ޓިއުނީސިއާގެ ގޯލާ ކައިރިން ދިފާޢު ކުރުން ރަނގަޅު ކަމުން ލަނޑެއް ނުޖެހި ގޮސް މެޗުގެ ފުރިހަމަ ވަގުތު ހަމަ ވެއްޖެއެވެ. އެންމެ ފަހުން އިނގިރޭސިން މޮޅުވީ ލަނޑު ޖެހީ އިތުރު ވަގުތުގައެވެ. އެ ލަނޑުވެސް ޖެހީ ކެޕްޓަން ކޭން އެވެ.

މި ދެ ޓީމު ވޯލްޑްކަޕްގައި މީގެ ކުރިން ކުޅެފައި ވަނީ ވިހި އަހަރު ކުރިން 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގައެވެ. އެ މެޗު 2 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ އިނގިރޭސިންނެވެ.

މުޅި މެޗަށް ބަލާއިރު ފުރަތަމަ ހާފުގައި އިނގިރޭސިން ލަނޑު ޖެހި ނަމަވެސް ޓިއުނީސިއާ ކުޅެމުން ދިޔައީ ލަނޑު ޖަހާށެވެ. އެކަމަކު އެއްވަރު ކުރި ލަނޑަށް ފަހު ފެނުނީ ދިފާޢީ ކުޅުމެކެވެ. ކައުންޓަރ އެޓޭކްގައި ލަނޑެއް ޖަހަން ގަސްތުކޮށްގެން ކުޅުނު ކަހަލަ ގޮތަކަށެވެ. އިނގިރޭސިން 3-5-2 އަށް ހަމަލާގައި ކުޅެފައި ފަހަތަށް ޖެހޭއިރު 2-5-3 އަށް ބަދަލު ކުރެއެވެ. އެއީ ދިފާޢު ރަނގަޅު ކުރުމުގެ ބޭނުމުގައެވެ. އެހެންވީމާ ކައުންޓަރ އެޓޭކްގައިވެސް ޓިއުނީސިއާއަކަށް މާ އެދެވޭ ފުރުސަތެއް ނުލިބުނެވެ. ފަހު ހާފުގައިވެސް ގިނަ ފުރުސަތު ހޯދީ އިނގިރޭސިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.