"ލަނޑު ޖަހަން މެސީއަށް އެހީއެއްވެދީ!"

ރަޝިޔާގައި ކުޅެމުންދާ ފީފާ ވޯލްޑް ކަޕްގައި އައިސްލޭންޑާއި އާޖެންޓާނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނުތާ ތިން ހަތަރު ދުވަސް ފާއިތުވެގެންދިޔައިރުވެސް ލިއޮނަލް މެސީއަށް ކިޔަމުންދާ ފާޑުކިއުންތަކަށް ހުއްޓުމެއް ނާދެއެވެ.

ކުޑަކުޑަ އައިސްލޭންޑްގެ ގޯލްކީޕަރުގެ އާދަޔާ ޚިލާފު ހުޝިޔާރުކަމުން މެސީއާއި އާޖެންޓީނާގެ ހަމަލާތައް މަތަކޮށް، މެސީޖެހި ޕެނަލްޓީވެސް ދިފާއުކުރިއެވެ. ފުޓްބޯޅަ ކުޅުމުގެ އިތުރަށް ފިލްމް ޑިރެކްޓް ކުރާ ކީޕަރަށް މެދުކެނޑުމެއްނެތި ތައުރީފު އޮހެމުންދާއިރު ހުއްޓުމެއްނެތި މެސީއަށް ރައްދުވަމުންދަނީ ފާޑުކިއުމާއި މަލާމާތެވެ.

ގައުމީ ޓީމަށް ކުޅޭއިރު މެސީގެ ކިބައިން އެކަށިގެންވާ މޮޅު ކުޅުމެއް ފެނިގެންނުދާތީ އެކަމާ ކަންބޮޑުވެ މާޔޫސް ވެފައި ތިބި އާޖެންޓީނާގެ ސަޕޯޓަރުންތަކެއް މިހާރު ވަނީ މެސީއަށް އެހީވުމުގެ ގޮތުން ފަނޑު ފޮއްޓެއް ހުޅުވާފައެވެ. ކަރުދާހުން ހަދާފައިވާ އެ ފޮށީގައި ވަނީ "ލަނޑު ޖަހަން މެސީއަށް ހަދިޔާކުރަން އެހީއެއްވެދީ." މިހެން ލިއެފައިވެއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިއީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންދާ މެސީއަށް ގައުމީ ޓީމުގައި މޮޅުކުޅުމެއް ނުދެއްކޭތީ އޭނާއަށް ފާޑުކިޔައި މަލާމާތްކޮށް ޖެއްސުން ކުރުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

ވޯލްޑް ކަޕްގައި އެންމެ ވިދުން ގަދަވާނެކަމަށް ބެލެވުނު މެސީއަށް އައިސްލޭންޑް މެޗުގައި އާދަޔާ ޚިލާފު ކަމެއް ނުކުރެވުނު އިރު އޭނާއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހުކުރު ދުވަހުގެރޭ ސްޕޭނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ހެޓްރިކެއް ހަދައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.