އަލެކްޒެންޑަރ ގެ ލަނޑުން ސާބިޔާއިން ކޮސްޓަރިކާ ބަލިކޮށްފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސާބިޔާއި ކޮސްޓަރިކާ މިރޭ ކުޅުނު މެޗު 1-0 އިން ކޮސްޓަރިކާ ބަލިކޮށް ސާބިއާ ފެށުން ރަނގަޅު ކޮށްފިއެވެ.

މުހިންމު މިލަނޑު ސާބިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލެކްޒެންޑަރ ކޮލަރޯވްއެވެ. އޭނާ މިލަނޑު ޖަހައިފައިވަނީ މެޗުގެ 56 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ.

މިއީ 2010 ވަނައަހަރުގެ ވޯލްޑްކަޕުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ކާމިޔާބަށްފަހު ވޯލްޑް ކަޕެއްގައި އެ ގައުމު ހޯދި ފުރަތަމަ މޮޅެވެ. މިރޭގެ މެޗަށް މި ދެގައުމު ނުކުތްއިރު ގިނަމީހުން ގާބޫލުކޮށްގެން ތިބީ ކޮސްޓަރިކާ ދަނޑުން ފައިބާނީ ތިން ޕޮއިންޓު ހިފައިގެން ކަމަށެވެ. އެއީ މި ޓީމުގެ މާޒީގެ ކާމިޔާބީތަކަށް ބަލާއިރު ކޮސްޓަރިކާ ކޮޅަށް ބުރަވެވޭތީއެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައި ފޯރިގަދަ އަވަސް ކުޅުމެކެވެ. ދެޓީމުންވެސް މަސައްކަތް ކުރަމުންދިޔައީ ލަނޑެއް ޖަހައި މެޗުގެ ލީޑޫ ނެގުމަށެވެ. މެޗުގެ ލީޑު ނެގުމަށް އެންމެ ފުރަތަމަ ހުސް ފުރުސަތެއް ލިބިފައިވަނީ ކޮސްޓަރިކާއަށެވެ. އެޓީމުގެ ޖިއަންކާލޯ ގޮންޒާލޭޒަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ބޮލުން ގޯލާ ދިމާއަށް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ސާބިއާ ވެސް ވަނީ މޮޅަށްކުޅެ ކޮސްޓަރިކާގެ ފަހަތަށް ހެސްކިޔާފައި ބާރުބޮޑު ކުރަމުންނެވެ. އެހެންނަމަވެސް މެޗުގެ 56 ވަނަ މިނިޓާ ހަމައަށް އެޓީމަށްވެސް ލީޑު ނެގޭ ގޮތެއް ނުވިއެވެ.

މިމެޗުގައި ދެޓީމުން ވެސް ވަނީ އިތުރު ލަނޑުޖަހާނެ ފުރުސަތު ތަނަވަސް ކޮށްފައެވެ. އެހެންނަމަވެސް މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހި 1-0 އިން ސާބިޔާ މުޅުވެގެންނެވެ.

މިރޭ މިގްރޫޕުގެ އިތުރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ބައްދަލުކުރާނީ މަޝްހޫރު ބްރެޒިލާއި، ސްވިޒަލެންޑެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 11:00 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.