ނައިޖީރިއާއަކަށް ކްރޮއޭޝިއާ މަތައެއް ނުކުރެވުނު: ކްރޮއޭޝިއާ 2، ނައިޖީރިއާ 0

ވޯލްޑްކަޕް 2018 ގައި ހޮނިހިރު ދުވަހުގެ ރޭ ކްރޮއޭޝިއާއާއި ނައިޖީރިއާ ކުޅުނު މެޗު 2 ލަނޑު 0 ލަނޑުން ކްރޮއޭޝިއާ ކާމިޔާބު ކޮށްފިއެވެ.

މި މެޗު ފެށިގެން ކުރީކޮޅު ތެ ޓީމުންވެސް ބޯޅަ ހިފަހައްޓައިގެން ކައުންޓަރ އެޓޭކަށް އިސްކަން ދީގެން ކުޅެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކްރޮއޭޝިއާގެ ހަމަލާތައް ތަންކޮޅެއް ވަރުގަދަ ވާން ފެށުމުން ނައިޖީރިއާއިން ދިފާޢު ވަރަގަދަ ކުރަން ރޭވިއެވެ. އެކަމަކު އެ ވަގުތު މެދުތެރެ ހާވިޔާ ވެގެން ދިޔަތަން ފެނުނެވެ. ދެން ފެނުނީ ކްރޯއޭޝިއާ މެދުތެރެއިން ރަނގަޅަށް ކުޅެން ފެށިތަނެވެ.

ކްރޮއޭޝިއާގެ ފުރަތަމަ ލަނޑަކީ ނައިޖީރިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.  ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗް ބޮލުން ޖެހި ބޯޅައިގެ މިސްރާބު ހުރީ ގޯލުން ބޭރަށެވެ. ބޯޅަ ގޯލަށް އަމާޒުވީ ނައިޖީރިއާގެ  އިބޭޓޯގެ ފައިގައި ޖެހިފައެވެ. ބޯޅައިގެ މިސްރާބު ކުއްލިއަކަށް ބަދަލު ވުމުގެ ސަބަބުން ގޯލްކީޕަރަށް މަތަކުރެވޭ ގޮތް ނުވީއެވެ.

ކްރޮއޭޝިއާ ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ނައިޖީރިއާގެ  އެކޮންގ، ކްރޮއޭޝިއާގެ މަންޒިޗިކްގެ ކަރުގައި ފުރަގަހުން އެލިގަނެ އޭނާއަށް ބޮލުން ބޯޅަ ޖެހިޔަ ނިދިނުމުގެ ސަބަބުންނެވެ. ޕެނަލްޓީ ޖެހީ 71 ވަނަ މިނިޓުގައި މޮޑްރިޗެވެ.

މި ލަނޑަށް ފަހުވެސް ނައިޖީރިއާ ހިތްވަރާއެކު ކުޅެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޓީމުގެ މެދުތެރެ ހަމަޔަކަށް އެޅުވޭ ވަރު ނުވެ މެޗު ނިމިގެން ދިޔައީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.