ނޭމާ އަދި މުޅީން ފިޓު ނޫން ކަމަށް ބްރެޒީލްގެ ކޯޗު ބުނެފި

ނޭމާ އަދިވެސް މުޅީން ފިޓު ނޫން ކަމަށް ބްރެޒީލްގެ ކޯޗު ޓީޓޭ ބުނެފިއެވެ. އެހެންވީމާ ނޭމާގެ އަސްލު ކުޅުން މިރޭ ވޯލްޑްކަޕްގައި ބްރެޒީލް ކުޅޭ ފުރަތަމަ މެޗުގައި ފެނިދާނެ ކަމާމެދު ޝައްކު އުފައްދަމުން އެބަ ގެންދެއެވެ. ބްރެޒީލަކުން އަދި ރަސްމީކޮށް އޭނާ ނާރުވާނެ ވާހަކައެއް ނުބުނެއެވެ.

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކަށް ފަހު ނުކުޅެ ހުންނަތާ އެތައް ދުވަހަކަށް ފަހު ދާދި ފަހުން އޭނާ ވަނީ ބްރެޒީލްގެ އެކުވެރިކަމުގެ މެޗުތަކުގައި ކުޅެފައެވެ. އެ މެޗުތަކުގެ ކުޅުމަށް ބަލާއިރު އޭނާ މުޅީން ފިޓެވެ. އެ މެޗުތައް ކުޅުމުގެ ކުރިން ނޭމާ ބުނެފައި ވަނީ އޭނާ އަދިވެސް ފުލް މެޗެއް ކުޅެން ޖެހިލުންވާ ކަމަށެވެ. އެންމެ ފަހުން އޮސްޓްރިއާ އާއެކު ކުޅުނު އެކުވެރިކަމުގެ މެޗުގައި ނޭމާ ކުޅުނީ 84 މިނިޓު އިރުއެވެ. އެއީ ފުލް މެޗެއް ނޫނޭ ބުނެވޭ ވަރެއް ނޫނެވެ. ކުޅުމަށް ބަލާއިރު އޭނާ ފިޓު ކަމަށް ފެނެއެވެ.

މިރޭ ބްރެޒީލް ބައްދަލުކުރާނީ ސްވިޓްޒެރލޭންޑާއެވެ. އެއީ ފީފާގެ ގިންތި ކުރުމަށް ބަލާއިރު ދުނިޔޭގެ ހަވަނަ ޓީމެވެ. ރާވައިގެން ރަނގަޅު ކުޅުމެއް ކުޅޭ، ދިފާޢު ވަރުގަދަ ކަމަށް މަޝްހޫރު ޓީމެކެވެ. އެހެންވީމާ ނޭމާއަށް ޖެހޭނީ މެޗު ފެށުމާއެކުވެސް އޭނާގެ ކުޅަދާނަ ހުނަރުތަކުގެ ބޭނުން ހިފާށެވެ. ބެލެވޭ ގޮތުގައި ކިރިޔާވެސް ގޮތެއް އޮތިއްޔާ މިރޭގެ މެޗަށް ނޭމާ އަރުވާނެއެވެ. ނޭމާ ނެތިއްޔާ ބްރެޒީލަށް އަބަދުވެސް މައްސަލަތައް ކުރިމަތި ވެއެވެ. 2014 ގެ ވޯލްޑްކަޕްގައިވެސް ވަނީ އެ މަންޒަރު ފެނިފައެވެ. އަނިޔާ ވެގެން އޭނާ ބޭލުމާއެކު ޓީމުގެ ކުޅުމަށް އައި ނުރަނގަޅު ބަދަލު ފެނުނެވެ. އެކަމަކު ކޯޝު ޓީޓޭ ބުނާ ގޮތުގައި ބްރެޒީލަކީ އެންމެ ކުޅުންތެރިއެއްގެ ޓީމެއް ނޫނެވެ. ބްރެޒީލްގެ ކުޅުމަކީ ޓީމުގެ އެކުވި ކުޅުމެވެ. ވަކި މީހެއްގެ ހުނަރެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.