މެސީއަށް އޭނާގެ ޖާދޫ ދައްކައެއް ނުލެވުނު

ބާސެލޯނާއަށް ލިއޮނަލް މެސީ ކުޅޭ ފެންވަރަށް ގައުމީ ޓީމަށް ނުކުޅެވޭ ކަމުގެ ޝަކުވާގެ އަޑު އަބަދުވެސް ވަރަށް ގަދައެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ކުޑަކުޑަ އައިސްލޭންޑާ ވާދަކޮށް 1-1 އިން އެއްވަރުވުމުން ކުރިއެކޭ އެއްގޮތަށް އެންމެ ބޮޑު ފާޑުކިއުމެއް ރައްދުވީ ހަމަ މެސީއަށެވެ. މެޗުގައި މެސީ 11 ހަމަލާ އައިސްލޭންޑްގެ ގޯލާ ދިމާއަށް ފޮނުވިއަސް އެންމެ ހަމަލާއެއް ވެސް ލަނޑަކަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. އަދި ކޮބައިހެއްޔެވެ؟ ލިބުނު ޕެނަލްޓީ ވެސް އެފަކީރަށް ގޯލުތެރެއަށް ފޮނުވައެއް ނުލެވުނެވެ.

ގައުމީ ޓީމަށް މީގެކުރިން 13 ޕެނަލްޓީ ކާމިޔާބުކޮށްދީފައިވާ މެސީ ހޮނިހިރުދުވަހުގެ މެޗުގައި ޖެހި ޕެނަލްޓީ އައިސްލޭންޑުގެ ކީޕަރ ހެނޭސް ތޯ ހަލްޑޮސަން ޑައިވެއްކޮށް މަތަކުރިއެވެ. މެސީ ޖެހި ޕެނަލްޓީގައި ބާރެއް ނެތެވެ. ޕެނަލްޓީ ދިޔައީ ސީދާ ކަނަކަށް ނޫނެވެ. ޑަވްކޮށް ކީޕަރަށް ޕެނަލްޓީ އެހާ ފަސޭހައިން މަތަކުރެވުނީ އެހެންވެގެންނެވެ. މެޗުގެ ބަޠަލަކަށްވީ އައިސްލޭންޑުގެ ކީޕަރެވެ. އޭނާ ޕެނަލްޓީގެ އިތުރަށް އާޖެންޓީނާގެ އެތައް ހަމަލާއެއް ހުޝިޔާރުކަމާއެކު ދިފާއުކުރިއެވެ.

ވޯލްޑް ކަޕްގައި އެންމެ ވިދުން ގަދަވާނެކަމަށް ބެލެވުނު މެސީއަށް މެޗުގައި އާދަޔާ ޚިލާފު ކަމެއް ނުކުރެވުނު އިރު އޭނާއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހުކުރު ދުވަހުގެރޭ ސްޕޭނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ހެޓްރިކެއް ހަދައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

މެސީ ބާސެލޯނާގައި ދައްކާ ޖާދޫ ގައުމީ ޓީމުގައި ނުދެއްކޭނަމަ ފާޑުކިއުންތަކާ ކުރިމަތިލާން ޖެހެނެއެވެ. އެކަމާ ރުޅިގަދަވެގެން، މާޔޫސްވެގެން ގައުމީ ޓީމަށް ކުރިން ކުޅުން ހުއްޓާލި ގޮތަށް މިފަހަރު ހުއްޓާލިޔަސް މެސީއަށް ގައުމީ ޓީމަށް  މޮޅަށް ނުކުޅެވޭނަމަ ފާޑުކިޔާމީހުން ފާޑުކިޔާނެއެވެ.

ޕޯޗުގަލްއާއި އައިސްލޭންޑް ޔޫރޯ 2016 ގައި ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޯޗުގަލްއެވެ. އެ ނަތީޖާއަށް ބަލާއިރު އާޖެންޓީނާއަށް އަދި ފުރުސަތު އެބައޮތެވެ. ހަމައެގޮތަށް އާޖެންޓީނާ ކުޅޭ ފޯމޭޝަން ބަދަލުކޮށްގެން ކުޅެފިނަމަ ބާސެލޯނާގައި މެސީ ކުޅޭ މޮޅު ކުޅުން ވޯލްޑް ކަޕްގައި ދެއްކުމުގެ ފުރުސަތު މެސީއަށް ވެސް ލިބިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.