ވާހަކަ - ޢީދު ހަދިޔާ: ކެހިވެރި ލޯބި

"ތިޔައީ އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބިވެރިޔާ. އަހަރެން މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން." އޭނާ ފުރިހަމަ އިތުބާރާއެކު ބުނެލިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ކާރާ ދިމާއަށް ހިނގައިގަތީވެސް އެހާމެ ފުރިހަމަ އިތުބާރަކާ އެކުގައެވެ. ހިނގައިގަންނަމުން އޭނާ ބުންޏެވެ. "އަވަހަށް ހިނގާ... މިހާރު މާބޮޑަށް ލަސްވެއްޖެ."

އޭނާ ކާރުގެ ކުރީ ގޮނޑީގައި އިށީނދެއްޖެއެވެ.

އެއީ ތެދެކެވެ. އޭނާއަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ ރަނގަޅު ބައިވެރިޔާއެވެ. އަހަރެމެން ދެމީހުންގެ ގުޅުމަށް އަދި ވާނީ ހައެއްކަ މަސްދުވަހެވެ. އެއީ އަހަރެންގެ ދައްތަގެ ހޮވުމެކެވެ. އެކަމަކު އަހަރެން ބޭނުންވާ ހުރިހައިސިފައެއް އޭނާއަށް ވަނީ ލިބިފައެވެ. އަހަރެންގެ ހިތަށް އަރައެވެ. ފާރިޢާ ކަހަލަ ރަނގަޅު، ރީތި ކުއްޖަކު އަހަރެންނަށް ލިބޭނޭގޮތް މެދުވެރި ކުރެއްވީ އަހަރެންނަށް ކުރެވިފައި އޮތް ކޮން ހެޔޮ ކަމެއްގެ ބަދަލުގައި ބާވައެވެ؟ އަހަރެމެންގެ ދެމީހުންވެސް ދުވަސްތައް ވޭތުކުރަމުން ދަނީ އުފާވެރިކަމާއެކުގައެވެ. ވަރަށް ބޮޑަށް އުފަލުން ތިބެގެންނެވެ.

"މިހާރު ލަހެއް ނުވާނެތަ؟" އޭނާ އަހައިލިއެވެ.

"ލަހެއް ނުވާނެ. ދެމީހުން ބައްދަލުވެފައި މިތިބީ ބަރާބަރު ވަގުތަށް."

އާދައިގެ މަތީން އޭނާ ހީނގަތެވެ. "އަހަރެން މިދައްކަނީ ޕާޓީގެ ވާހަކަ."

"މިހާރު މިތިބީ އާދެވިފައެއްނު؟"

"އާނ ދޮގެއް ވާ ނޫން. އަހަންނަށް ހުރެވުނީ އެހެން ޚިޔާލެއްގެ ތެރޭގައި."

ކުރިމަތީން ފެންނަނީ ކުލަކުލައިގެ ބޮލި ދިއްލާފައިވާތަނެވެ. ސަރްފަނާޒް ބޭރަށް ނުކުމެ އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.

"އަޙްރަމު. މިހާރު މާބޮޑަށް ލަސްވެއްޖެ." އޭނާ އައިސް އަހަންނާ ސަލާން ކޮށްލާފައި ބުނެލިއެވެ. "އެކުވެރިޔާ- މިއަދު ދޭން ވަރަށް އުފާވެރި ޚަބަރެއްވެސް އެބައޮތް."

"އަނެއްކާ ކިހިނެއްވީ؟"

"ފަހަރީ. އެކޮޅަށްދޭ." އޭނާ އަންހެނުން ތިބި ތަނަށް އިޝާރާތް ކުރަމުން ފާރިޢާ އާ ދިމާއަށް ބުނެލިއެވެ.

"ކިހިނެއްވީ؟" އަހަރެން އަނެއްކާވެސް އަަހައިފީމެވެ.

"ވަރަށް އުފާވެރި ޚަބަރެއް. ޚާއްޞަކޮށް އަޙްމަރަށް އޮތް އުފާވެރި ޚަބަރެއް."

"އަހަންނަށް އޮތް އުފާވެރި ޚަބަރެކޭ؟" އަހަރެންގެ ޙައިރާންކަން ކުރިއަށްވުރެ ބޮޑުވެގެންދިޔައެވެ.

"އާނ. ބުނަންތަ؟ އަހަރެމެންގެ އެކުވެރި ޚުއްރަމްވެސް އެބައުޅޭ."

"ޚުއްރަމް..." އެ ނަން އިވުނީމާ އަހަންނަށް ހަމަ ޙަޤީޤަތުގައިވެސް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.

ޚުއްރަމަކީ އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ބޭރުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ކުއްލިއަކަށް އެނބުރި އައީ ކީއްވެގެން ބާވައެވެ؟ ސަރްފަނާޒްގެ ޕާޓީއަށް އައީ ކީއްވެގެން ބާވައެވެ؟ އެއީ ޙައިރާންވާ ވަރުގެ ކަމެކެވެ. އޭނާ  ދިޔައީ އެންމެން ދެކެ ރުޅި އައިސްގެން ކަހަލަ ގޮތަކަށެވެ. އަހަރެމެން އެންމެން ތިބީ އޭނާ މުޅީން ގެއްލުނީ ކަމަށް ނިންމައިގެންނެވެ. އަހަރެންގެ ކާވެނިވީ ދުވަހު އޭނާގެ މަތީން ވަރަށް ބޮޑަށް ހަނދާން ވިއެވެ. އަބަދު އުފަލުން ހުންނަ ޚުއްރަމް ފުރައިގެން ދިޔައީ އަހަރެމެން އުދާސް ކޮށްލައިފައެވެ. ހީވީ އޭނާގެ ދިރިއުޅުމުން ހުރިހައި ކުލައެއް ފޮހެވިގެން ދިޔައީ ހެންނެވެ. ހުރިހައި އުއްމީދެއް ވަޔަށް ބުރައިގެން ދިޔައީހެންނެވެ. އޭނާ ފުރައިގެން ދިޔަ ދުވަހު ބުނި އެއްޗެއް މިހާރުވެސް ހަނދާން އެބަހުއްޓެވެ.

"އަޙްރަމް. އެންމެ މީހަކު އަހަރެން ދޫކޮށްލާފައި ދިޔައީމާ ހީވަނީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީހެން."

އެބުނާ މީހަކީ ކާކު ކަމެއް އެކަކަށްވެސް ނޭނގެއެވެ. މިއަދާ ހަމައަށް އައި އިރުވެސް އެއީ ކާކުކަން އޮތީ ނޭނގިފައެވެ. އެއީ ކިހިނެއް ހިނގި ކަމެއް ކަމެއްވެސް ނޭނގެއެވެ. އޭނާ ދެއްކީ އަންހެން ކުއްޖެއްގެ ވާހަކަ ކަން އެނގެއެވެ. އަދި އެއީ އިންތިހާ ދަރަޖައަށް އަނިޔާވެރި ކުއްޖެއްކަންވެސް އެނގެއެވެ. އެކުއްޖަކު ޚުއްރާމްގެ ދިރިއުޅުމަށް އައިސްްފައި އެނބުރި ދިޔައީ އޭނާގެ ދިރިއުޅުން ހަލާކު ކޮށްލާފައެވެ. މުޅި ދިރިއުޅުން އެކީގައި ހޭދަކުރަން ވަޢުދު ވެފައި ވަކި ހިސާބަކުން އަތުން ދޫކޮށްލީއެވެ. އެޙާދިސާގެ ސަބަބުން އަންހެނުންގެ މައްޗަށް އޭނާގެ ހިތުގައި ވަރަށްބޮޑު ރުޅިވެރިކަމެއް ވަނީ އުފެދިފައެވެ. އަންހެނެއްގެ ނަން ގަތަސް އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދެއެވެ.

"އެކުވެރިޔާ... ދުނިޔޭގައި ލެއްވި އެންމެ ރީތި އެެންމެ މަކަރުވެރި ބަޔަކީ އަންހެނުން. އަންހެނުންގެ މަކަރުވެރި ކަމުން. ސަލާމަތްވެގެން އުޅެވޭތޯ ބަލާތި." ޚުއްރަމް އަހަރެން ގާތު ބުންޏެވެ.

"އާނ. އަހަރެން ބަލާނަން." މިހެން ބުނެފައި އަހަރެން އިތުރު ވާހަކައެއް ނުދައްކަމެވެ. ލިބިފައިވާ ހިތި ތަޖުރިބާއެއްގެ ސަބަބުން އޭނާ އެއްވެސް މީހަކަށް އިތުބާރު ނުކުރާނެކަން އަހަރެންނަށް އެނގެއެެވެ. އޭނާގެ ވިސްނުން ވަނީ އެހައި ބޮޑަށް ވިހަވެފައެވެ. އޭނާ ވަރަށް ގިނައިން ހިތާމައިގެ ޅެން ކިޔައި އުޅެއެވެ. އަހަރެމެންނަށް ކުރެވޭ ހައިވެސް ކަމަކީ ހިތާމަ ފާޅުކުރުމެވެ. އާދައިގެ ދިރިއުޅުމަކަށް އޭނާ އެނބުރި އާދޭތޯ ކުރާ އެއްވެސް މަަސައްކަތެއްގެ އެދެވޭ ނަތީޖާއެއް ނުފެނެއެވެ. އޭނާ ދިޔައީ އަހަރެމެންނާ މަޑުމަޑުން ދުރުވަމުންނެވެ. އެންމެފަހުން ލިބުނީ އޭނާ ފުރައިގެން ދިޔަ ޚަބަރެވެ. އޭނާއަށް ބޮނޑި ލިބުނު ބިންވެސް ދޫކޮށްލީއެވެ. އެ ޖައްވަށް ނޭވާ ލާންވެސް އޭނާ ބޭނުމެއް ނުވިއެވެ.

މިއަދު ޚުއްރަމް އައި ވާހަކަ ބުނީމާ އޭނާއާ ބައްދަލު ކުރާ ހިތުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ޕާޓީއަށް އައިސް ތިބީ އެހެން މީހުންގެ މަތީން ހަނދާން ނައްތާލާފައި އަހަރެން ގޮސް ހުއްޓުނީ ޚުއްރަމްގެ މޭޒުދޮށަށެވެ. އެ ވަގުތު އަހަންނަށް ލިބުނު ޙައިރާންކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އޭނާގެ ކައިރީގައި އިށީނދެގެން އިނީ ރީތި ކަމުގެ ދެވަނައެތް ނެތް ފަދަ ރީތި އަންހެން ކުއްޖެކެވެ. އޭނާ ސިއްރު ސިއްރުން އަންހެން ކުއްޖާގެ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެކޭ ބުނެލަނީއެވެ. އަންހެން ކުއްޖާ ހިނިތުން ވަނީއެވެ. މިފެނުނު އާދަޔާ ޚިލާފު އިންޤިލާބުގެ ސަަބަބުން އާގަމަވެފައި ހުއްޓާ ޚުއްރަމް އައިސް އަހަރެންގެ ގައިގައި އޮޅުލައިގެންފިއެވެ.

"އެކުވެރިޔާ. އާދޭ... އަލަށް ލިބުނު ފަހަރިއާ ބައްދަލުކޮށްލަން ވާނެއެއްނު؟" މިހެން ބުނެފައި އޭނާ އިޝާރާތް ކޮށްލީ އެ އަންހެން ކުއްޖާއަށެވެ. އެކުއްޖާ އިނީ އަހަރެންގެ ޙަރަކާތްތައް ފެނި، ޙައިރާންވެފައެވެ.

"އިށީނދޭ، ނާދިޔާ. ތިޔަ ވިސްނަނީ ކޮން ކަމަކާ؟ އަހަރެންގެ ހުރިހައި އެކުވެރިންގެ ނަން އޮންނަނީ ކުރިން ނާދިޔާއަށް ބުނެދީފައި."

އަހަރެންގެ ހިތަށް އެރިއެވެ. ޚުއްރަމަށް ބޮނޑިދީފައި ފިލައިގެން ދިޔަ އަންހެން ކުއްޖަކީ ނާދިޔާ ބާވައެވެ؟ އަހަރެން ހުރީ މި ސުވާލު ކުރަން ރަނގަޅު ދަނޑިވަޅަކަށް އިންތިޒާރު ކޮށްގެންނެވެ. އެންމެފަހުން ނާދިޔާ އެއްފަރާތަކަށް ޖެހިލީވަގުތު ބަލާފައި އަހަރެން އަހައިލީމެވެ.

"ޚުއްރަމް. ނާދިޔާ އަކީ އަނެއްކާ..."

ޚުއްރަމް ހީނގެންފައި ބުންޏެވެ. "ތިޔަ އަހަން އުޅެނީ ކީކޭކަން އަހަރެންނަށް އެބައެނގޭ. ނޫނޭ... މިއީ އެކުއްޖާއެއް ނޫން. މިއީ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލާފައި ދިޔަ ކުއްޖާއެއް ނޫން. އަނދިރި ޖަންގައްޔެއްގެ ތެރެއަށް އަހަރެން އެކަނި ދޫކޮށްލާފައި ދިޔަ އަނިޔާވެރި އަންހެން ކުއްޖާއެއް ނޫން. ނާދިޔާ އަކީ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ. އުއްމީދު ގެއްލި މާޔޫސްވެފައި ހުއްޓާ ދިރި އުޅުމުގެ ޙަޤީޤީ މާނަ އަހަރެންނަށް ދަސްކޮށް ދިނީ ނާދިޔާ. ކޮންމެ އަންހެން ކުއްޖަކީ ނަފްރަތު ކުރަން ޖެހޭ ކުއްޖެއް ނޫންކަން އަހަންނަށް ވިސްނައި ދިނީ ނާދިޔާ. އަންހެނުންނަށް ލިބިފައިވާ އެންމެ ރީތި ސިފައަކީ ލޯބިވުމުގެ ސިފަ."

ނާދިޔާގެ ލޯބީގެ ސަަބަބުން ޚުއްރަމްގެ ފަޅު ދިރިއުޅުމަށް ބަހާރު މޫސުމް އައިސްފައިވާތީ ފެނުނީމާ އަހަރެން ވަރަށް ބޮޑަށް އުފާވިއެވެ. ޚުއްރަމްގެ މޫނުމަތީން އުފާވެރި ކަމާއި ތާޒާކަން ފެންނަން ފަށައިފިއެވެ.

"އަހާނ... ނާދިޔާ މިހާރު ކޮބާ؟ އަހަރެމެން ދެ މީހުންނަށް ވާހަކަ ދައްކައިލާނޭ ފުރުޞަތު ދީފައި ދުރަށް ދިޔައީ ދޯ؟" އޭނާ އެކި ދިމަދިމާއަށް ބަލަން ފަށައިފިއެވެ. އޭނާއަށް ކޮންމެވެސް ދިމާއަކުން ފެނުނު މަންޒަރަކުން އޭނާ ސިހިގެން ދިޔައެވެ.

"އަޙްމަރް. އަހަރެންނަށް ބޮނޑި ދީފައި ދިޔައި ކޮން އަންހެން ކުއްޖެއްތޯ ސުވާލު ކުރީމެއްނު؟"

"އާނ."

"އެފަރާތަށް ނިކަން ބަލާލަބަލަ." އޭނާ އެއް ފަރާތަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. "އިސްޓޭޖު ކައިރީގައި ނޫކުލައިގެ ހެދުމެއް ލައިގެން އެހެރީ އެކުއްޖާ."

އަހަރެން އެ ދިމާއަށް ބަލައިލީމެވެ. އެ ވަގުތު އަހަރެންގެ ފައިތިލަ ބިންމަތީގައި ތަތްލީ ކަހަލައެވެ.

ނޫކުލައިގެ ހެދުން ލައިގެން ހުރީ އަހަރެންގެ ލޯބިވާ އަނބިމީހާ ފަރީޢާއެވެ. އެވަގުތު އަހަރެންގެ ކަންފަތް ދޮށުގައި ގުގުމަން ފެށި މީގެ ކުޑައިރުކޮޅެއް ކުރިން ފާރިޢާ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ދެއްކި ވާހަކައެވެ.

"ތިޔައީ އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބިވެރިޔާ. އަހަރެން މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއްނުވަން..."

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.