ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކަން ބަޔަކާ ހަވާލުކޮށްފި

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސް މާތޮޑާގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. 2.5 މިލިއަން ޑޮލަރަށް އެމަސައްކަތް ހަވާލުކޮށްފައިވަނީ ގަލްފް ކޮބްލާ ކުންފުންޏާއެވެ.

މިފައިސާއަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ ސަރުކާރަށް ދެއްވި 4 މިލިއަން ޑޮލަރުގެ ލޯނު އެހީއެކެވެ. އެ ލޯނު ދީފައިވަނީ އިންޓްރެސްޓް ފްރީކޮށްނެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ.  ގަލްފް ކޮބްލާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު މައިކަލް އެވެ.

އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ތިން މަސް ތެރޭގައި ނިންމުމަށެވެ. މާދަމާއިން ފެށިގެން އެމަސައްކަތް ފެށުމަށް ތައްޔާރުވާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ބިން ހިއްކައި ނިމުމުން އެއާޕޯޓު ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފަރެސް މާތޮޑާގައި ވެސް ހެދުމަށް ހަމަޖެހިފައިވަނީ 1.2 ކިލޯ މީޓަރުގެ އެއާޕޯޓެކެވެ.

ހުވަދު އަތޮޅަކީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅެވެ. އެއަތޮޅުގައި މިހާރުވެސް ދެ އެއާޕޯޓު އޮވެއެވެ. އެއީ ހުވަދު އަތޮޅު އުތުރުބުރީ ކޫއްޑޫ އެއާޕޯޓާއި ދެކުނުބުރީ ކާޑެއްދޫ އެއާޕޯޓެވެ.

ހުވަދުއަތޮޅަކީ ފަތުރުވެރިކަމަށް ވަރަށް އެކަށީގެންވާ ރީތި ރަށްތަކެއްގެ މައްޗަށް އެކުލެވިގެން ބިޔަ އަތޮޅެވެ. ހުވަދުއަތޮޅު ދެ ބުރީގައި ޖުމްލަ 8 ރިސޯޓު މިހާރުވެސް ހިންގައެވެ. އަދި ފަތުރުވެރިކަމަށް ދެވިދާނެ އިތުރު ރަށްތައް އަދިވެސް އެއަތޮޅުގައި އެބަހުރި ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެއާޕޯޓުގެ ސަބަބުން ފަތުރުވެރިންނާއި އާންމުންނަށް ލުއިފަސޭހަވެ ފަތުރުވެރިކަން ވެސް އިތުރަށް ތަރައްގީވާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މިއީ އަތޮޅުގެ މީހުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެއާޕޯޓު އެޅުމުން އިތުރު ވަޒީފާވެސް އުފެދިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.