އާފަތިސް ރޯދަ ބަދިގެ: ޕެޝަން ފްރުޓް ޕުޑިންގ ކޭކް

ބޭނުންވާނެ ތަކެތި:

ދެ ޕެޝަން ފްރުޓް

ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ޕެޝަން ފްރުޓް ޕިއުރީ  (އޮށް ނެގުމަށްފަހު ބްލެންޑަރުން މިކްސް ކޮށްފައި)

1 ޖޯޑު ހަކުރު

ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ފުށް

3 ކުކުޅު ބިސް، ގޮބޮޅި އާއި ލޮނދި ވަކިކޮށްފައި

ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ބަޓަރު، ވިރުވާފައި

ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ކިރު

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ލޮނު

މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ ލުނބޯ

މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ ލުނބޯ ތޮށި

ތައްޔާރު ކުރާނެ ގޮތް:

180 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނު ކުރާށެވެ. ބޭކިންގ ތަށްޓެއްގައި މާޖިރީން ނުވަތަ ބަޓަރު ކޮޅެއް ހޭކުމަށްފަހު އެއްކައިރީގައި ބަހައްޓާށެވެ.

މިނެފައި ހުރި ހަކުރުގެ ހަތަރުބައިކުޅަ ތިންބަޔާއި، ލޮނާއި ފުށް ބޯތަށްޓެއްގައި އެއްކުރާށެވެ.

ބޮޑު ބޯތަށްޓެއްގައި ބިހުގެ ގޮބޮޅިއާއި، ބަޓަރާއި، ކިރާއި، ލުނބޯ ތޮށްޓާއި، ޕެޝަން ފްރުޓް ޕޫރީ އާއި ޕެޝަން ފްރުޓް އަޅައިގެން ރަނގަޅަށް އެއްކުރާށެވެ. މި މިކްސްޗަރު ފުށާއި ހަކުރުގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކުރާށެވެ.

އިލެކްޓްރިކް މިކްސަރަކުން ބިހުގެ ހުދު ބައި ފޮނަށް ވަންދެން ގިރާށެވެ. ދެން އޭގެ ތެރެއަށް ބާކީ ހުރި ހަކުރު ކޮޅު އަޅައިގެން ރަނގަޅަށް އެއްކުރާށެވެ. މި މިކްސަރު ފުށްގަނޑުގެ ތެރެއަށް އަޅައި ދޭފަތަކުން އެއްކުރާށެވެ.

މި ފުށްގަނޑު ބަޓަރު ހާކާފައި ހުރި ތަށްޓަށް އަޅައި، މި ޓްރޭ އެއަށްވުރެ ބޮޑު ފުން ތަށްޓެއްގެ ތެރޭގައި ބަހައްޓައި ތަށީގެ މެދާ ހަމައަށް ހޫނު ފެން އަޅާށެވެ. ދެން އަވަނުގައި 25 މިނިޓް ނުވަތަ 30 މިނިޓް ވަންދެން ފިހޭށެވެ.

ކޭކު ހިހޫވުމުން ފްރިޖުގައި ދެގަޑި އިރު ބަހެއްޓުމަށްފަހު މޭޒުމައްޗަށް ނަގާށެވެ. ފްރިޖުގައި 24 ގަޑިއިރުވެސް ބެހެއްޓިދާނެއެވެ.  

ނޯޓް: ކޭކުގެ އަޑީގައި ސޯސް ބަހައްޓަން ބޭނުންނަމަ ފެން އެއްޗެއްގެ ތެރޭގައި ބޭކިންގ ޑިޝް ބަހައްޓަންވާނެއެވެ. ފެން އަޅާ ތަށްޓަކީ ފިހޭ ކޭކް އަޅާފައި ހުރި ތަށްޓަށްވުރެ ބޮޑު ޓްރޭއަކަަށް ވާންވާނެއެވެ. ތަށްޓަސް ފެން އަޅަންވާނީ ކޭކުގައި ކްރީމީ ލޭޔަރު ނުވަތަ ސޯސްގަނޑޫ ހުންނަން ބޭނުންވާ މިނަށެވެ. ކޭކު ފިހޭ ތަށީގެ މެދާ ހަމައަށް ފެން އެޅުމުން ރަނގަޅުވާނެއެވެ. ބޭރުން އިންނަ ތަށްޓަށް އަޅަންވާނީ ހޫނު ފެނެވެ. ރައްކާތެރި ގޮތަކީ އަވަނުގައި ތަށި ބަހައްޓައި ތަށްޓަށް ހޫނުފެން އެޅުމެވެ.

މި ކޭކު ކުރީން ތައްޔަރު ކުރެވިދާނެ ކޭކެކެވެ. ހަތަރު ގަޑިއިރު ކުރީން ތައްޔާރުކޮށް ފްރިޖުގައި ބެހެއޓިދާނެއެވެ. ހަތަރުގަޑި އިރު ހަމަވުމުން ފްރިޖުން ނަގައި ފިހެވިދާނެއެވެ.

ޕެޝަން ފްރުޓް ޕޫރީގެ ބަދަލުގައި އަނބު، އަލަނާސި، ނުވަތަ ލުނބޯ ހުތް ވެސް ބޭނުން ކުރެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.