ސެނަހިޔާ ހޮސްޕިޓަލުން ދެހާހަށްވުރެގިނަ ދަރިވަރުން ހެލްތް ސްކްރީން ކޮށްފި

ސްކޫލްތަކުގެ ދަރިވަރުން ހެލްތު ސުކްރީން ކުރުމަށް އެމްއެންޑީއެފް ސެނަހިޔައިން މިއަހަރު ހިންގި ޕްރޮގްރާމް އިއްޔެ ނިންމާލައިފިއެވެ.

ސިފައިންގެ ސެނަހިޔާ ހޮސްޕިޓަލުން ކުރިޔަށް މި ޕްރޮގްރާމް ނިންމާލިއިރު އިއްޔެ އެކަނިވެސް ވަނީ ކަލާފާން ސްކޫލުގެ 148 ދަރިވަރަކު ހެލްތް ސްކްރީން ކޮށްފައެވެ. ސެނަހިޔާއިން ކުރިޔަށް ގެންދިޔަ ދަރިވަރުން ހެލްތް ސްކްރީން ކުރުމުގެ ޕްރޮގްރާމްގައި ޓެސްޓް ކުރީ ހަމައެކަނި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އުޅޭ ދަރިވަރުން އެކަންޏެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލް ތަކުން ޖުމްލަ 2436 ދަރިވަރަކު ވަނީ ޓެސްޓް ކޮށްފައެވެ.

މިޕްރޮގްރާމުގައި ހެލްތު ސްކުރީން ކުރުން ކުރިއަށް ގެންދިޔަ ސްކޫލު ތަކަކީ އަމީނިއްޔާ ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަރަބިއްޔާ ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ޣިޔާސުއްދިން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ކެންގަރޫ ކިޑްސް، މަޖީދިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލްގެ އިތުރުން ހުޅުމާލޭ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް، ޣާޒީ ސްކޫލް، ރެހެންދި ސްކޫލް އަދި ވިލިމާލޭ މުހިއްޔިއްދީން ސްކޫލެވެ.

މި ޕްރޮގްރާމްގެ ދަށުން ދަރުމަވަންތަ ސްކޫލާއި، ޣާޒީ ސްކޫލްއާއި، ހިރިޔާ ސްކޫލާއި، މުހިއްދީން ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން، ތާޖުއްދީން ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުންގެ %100 އިންސައްތަ ދަރިވަރުންގެ ހެލްތު ސްކްރީން ވަނީ ކުރެވިފައެވެ. ހެލްތު ސްކްރީން ޕްރޮގްރާމްގައި ބަލާފައި ވަނީ ދަރިވަރުގެ ބަރުދަނާއި އަޑުއިވުމާއި ލޮލުގެ ފެނުމުގެ އިތުރުން، އަނގައިގެ މައްސަލަތަކެވެ.

ސްކޫލްތަކުގެ ގްރޭޑު އެކެއްގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް ހިންގާ މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިފެންސް މިނިސްޓްރީ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ޙިއްޞާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް ސެނަހިޔަ އިން ވަނީ ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ހެލްތު ސްރީން ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސެނަހިޔަގެ ޑޮކްޓަރުންނާއި ޞިއްހީ ދާއިރާއިން ތަމްރީން ވެފައިވާ ސިފައިންނާއި ސެނަހިޔާގެ އާންމު މުވައްޒަފުންނެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.