މި މޭމަހުގެ 13 ވީ އާދީއްތަ ދުވަހު އިންޑޮނޭޝިޔާގެ ދެވަނައަށް އެންމެ ބޮޑު ރަށް ސުރަބާޔާ ސިއްސުވާލީ އެރަށުގައި އާއިލާއެއް އެކުގައި ޖާނުން ފިދާވެގެން ތިން ފައްޅިއަކަށް ދިން ހަމަލާތަކުންނެވެ. އެހަމަލާތަކުގައި މަންމައާއި ބައްޕައާއި 4 ކުދިން މަރުވިއެވެ.
އިއްޔެ (14 މޭ) ހެނދުނު އަނެއްކާވެސް ސުރަބާޔާގެ މީހުން ސިއްސުވާލީ ހަމަ އެފަދަ އެހެން ހަމަލާއަކުންނެވެ. މިފަހަރު ސުރަބާޔާ ފުލުހުންގެ މައި އިދާރާ ކުރިމަތީގައި ހުރި ޗެކްޕޮއިންޓަކަށް ހަމަލާ ދިނީ އެއް އާއިލާއެއްގެ ފަސް މީހުން އަމިއްލަ ނަފުސު ގޮއްވާލައިގެންނެވެ. މިހަމަލާގައި މަންމައާއި ބައްޕަ އަދި ދެ ކުދިން މަރުވިއިރު، ތިންވަނަ ކުއްޖާ ވަނީ ސަލާމަތްވެފައެވެ. އުމުރުން އަށް އަހަރުގެ އެ އަންެހެން ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އާއިލާ ގުޅިގެން މިފަދަ ހަމަލާއެއް ދޭން ޖެހުނު ސަބަބާމެދު ވާހަކަފުޅު ދައްކަވަމުން އިންޑޮނޭޝިޔާގެ ނޭޝަނަލް ޕޮލިސް ޗީފް ޓީޓޯ ކަރްނަވިއާން ވިދާޅުވީ، އެމީހުންނަށް އިސްލާމިކް ސްޓޭޓް އިން އިރާޤް އެންޑް ސީރިޔާ (އައިސިސް) ގެ މައި މަރުކަޒުން އިރުޝާދު ލިބެމުން ދިޔަ ކަމުގައެވެ.
އެމީހުންނަށް އަންްގާފައި އޮތީ ހަރުކަށި އިސްލާމީ ލީޑަރު އަމަން ޢަބްދުއްރަޙްމާން ހައްޔަރުކުރުގެ ބަދަލު ހިފުމު ގޮތުން ހަމަލާ ދިނުމަށެވެ. އޭނާއަކީ 2016 ވަނަ އަހަރު ޖަކާޓާގެ މެދުތެރޭގައި 4 މީހުން މަރުވި ހަމަލާ ރޭވި މީހާއެވެ. އަދި އައިސިސްގެ އިރުމަތީ ޖާވާ ގޮފީގެ މީހެއް ކަމުގައިވާ ޒައިނުލް އަންސާރީ ހައްޔަރުކުރުމުގެ ބަދަލު ހިފުމަށެވެ.
އާދީއްތަ ދުވަހު ފައްޅިތަކަށް ހަމަލާދިން މީހުންގެ އާއިލާގެ ބައްޕައާއި އިއްޔެ ފުލުހުންގެ އިދާރާއަށް ހަމަލާދިން އާއިލާގެ ބައްޕައަކީ އައިސިސް އިން އިންޑޮނޭޝިޔާގައި ހިންގާ ސިއްރު މަރުކަޒަކާ ގުޅުން އޮތް މީހުންނެވެ. ސުރަބާޔާގައި ތިން ފައްޅިއަށް ހަމަލާ ދިން ދުވަހު ސިދޯރްޖޯގައި ވެސް ޖާނުން ފިދާވެގެން ދިން ހަމަލާއެއްެގައި ހަ މީހުންގެ އާއިލާއެއްގެ ތިންމީހަކު މަރުވެފައި ވެއެވެ.
ފުލުހުން ބުނީ އެމީހުން ދަނީ އެ ފަދަ ހަމަލާއެއް ދޭން މަަސަައްކަތްކުުރާކަމަށް ޝައްކުކުރެވޭ ހަތަރުވަނަ އާއިލާއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ
މި ހަމަލާތަކުން އެނގޭ ގޮތުގައި އައިސިސް އިން އިންޑޮނޭޝިޔާގައި މިފެށީ އާ ވައްތަރެއްގެ ހަނގުރާމައެކެވެ. އެއީ އާއިލާތައް އެކުގައި ޖާނުން ފިދާވެގެން ތަންތަނަށް ހަމަލާދިނުމެވެ.