ނޭޕާލްގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް، ނާއިބު ރައީސް އަރިހަށް ޒިޔާރަތެއް ކުރައްވައިފި

ނޭޕާލްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ނިރްވާނާ ޗައުދަރީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއާއި ނޭޕާލާ ދެމެދުގައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ. އަދި، 25 އެޕްރީލް 2015 ވަނަ އަހަރު ނޭޕާލަށް އައި ބިންހެލުމުގައި ނޭޕާލްގައި ދިރުއުޅޭ ދިވެހިންނަށް އޮނަރަރީ ކޮންސުލް ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޮނަރަރީ ކޮންސުލް ވަނީ ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން އޭނާ ވަނ ދެއްވައިފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ދެ ޤައުމުން ޝައުޤުވެރިވާ ކަންތައްތަކާއި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވިދާނެ ބައެއް ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި، ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ވައިގެ މަގުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހިމް ޙުސައިން ޝިހާބާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ އައިމިނަތު ޝަބީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.