މަޅުމަތި: ކާއްކާއްކާއް

ސިއްހަތު ރަނގަޅު ދިހަ ވަރަކަށް ކާޅު ގެންނާށެވެ.

ވަރަށް ބާރަށް ކާއްކާއްކާއް ގޮވައި ބޮލަށް އުނދަގޫކުރާނޭ ހަކަތަ އެ ސޮރުމެން ގައިގައި ހުންނާން ވާނެއެވެ.

ހައެއްކަ ރާމާމަކުނު ގެންނާށެވެ.

ތަންތަނަށް އަރައި، ފުމެ، ވައްތަރު ޖެއްސޭހައި ހަކަތައާއި ބާރު އެ ސޮރުމެން ގައިގައި ހުންނާން ވާނެއެވެ.

ދެތިން ހަރުފަ އަވަހަށް ހޯދާށެވެ.

މީހުން ރަނގަޅަށް ފާހަގަ ކޮށްގެން ގޮސް ސީދާ އަމާޒަށް ވިހަ ލުމުގެ ހުނަރު އެސޮރުމެން ގައިގައި ހުންނާން ވާނެއެވެ.

ހައެއް ބޯވަ ހޯދާށެވެ.

އެކި ދިމަދިމާއަށް ފައި އެއްލައި ތަތްކޮށްގެން ތިބޭނޭހައި ބާރު އެސޮރުމެން ގައިގައި ހުންނާން ވާނެއެވެ.

ވަރުގަދަ ހިޔަޅެއް ހޯދާށެވެ.

ގާތް އެއްޗަކަށް ވެގެން އެކުގައި އުޅެފައި ކަރުގައި ދައިގަންނާނޭ ވަގުތު ހޯދައިގަނެވޭނޭ ވަރުގެ މަކަރުވެރިކަން ހުރި ސޮރަކަށް އެ ސޮރު ވާން ވާނެއެވެ.

އެންމެ ފަހުން ނުހުރެވިގެން އަހަރެން ސުވާލުކޮށްލީމެވެ.

އޭތް ނަޢީމެވެ.

ކަލޭ ތިޔަ އުޅެނީ އާދަޔާ ޚިލާފު ހައިވާނު ބަގީޗާއެއް ހުޅުވާން ހެއްޔެވެ؟

ނަޢީމު ބުންޏެވެ.

ނޫނެކެވެ. މި އުޅެނީ ޕާޓީއެއް ރަޖިސްޓަރީ ކުރަން ޝަރުތު ހަމަ ކުރަން ވެގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.