މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިންގެއްޖެ

މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި، އަޑިއަށް ގޮސްގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ދޯންޏަށް އެހީވާން ފަށްޓައިފިއެވެ.

މިއަދު ގާތްގަނޑަކަށް 06:15 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. މި ހާދިސާގައި އަޑިއަށް ގޮސްފައިވަނީ "މާވާ ސްޓާރ" މުދާއުފުލާ 100 ފޫޓުގެ ދޯންޏެއް ކަމަށް އެމްއެންޑީފުން ވަނީ ވިދާޅުވެފައެވެ. މި ދޯނި އަޑިއަށް ގޮސްފައިވަނީ ވ.ފެލިދޫގެ ހުޅަނގުން 5 މޭލު ދުރުގައި އޮންނަ ގިރިއަކަށް އަރައި، ދޯނީގެ ބަނޑުފިލާ ފަޅައިގެންގޮސް، ދިޔަގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކަމަށްވެސް އެތަނުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި 5 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.  މި  ހާދިސާގައި ދޯނި އަޑިއަށްދިޔައިރު ދޯނީގައި ތިބި 5 މީހުން ވަނީ ސަލާމަތްތެރިކަމާއެކު ސީއެމްބިއުލަންސަށް ނަގާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

މި ދޯނި ފުންކޮށް ފަޅައިގެން ގޮސްފައިވާ ތަން ބެއްދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމް މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ދޯނީގައި މައިގަނޑު މުދަލެއްގެ ގޮތުގައި ހުރީ ލަކުޑި ފިލައެވެ. އަދި މި ދޯނި އަޑިއަށް ގޮސްފައިވާތީ އެސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަން ދެއްވައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސް ކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.