ބޯކޯ ހަރާމުން ވަގަށް ނެގި ކުދިންގެ އަދަދު އެއްހާހަށް އަރައިފި

ބޯކޯ ހަރާމުން 2014 ވަނަ އަހަރު ވަގަށްނެގި ކުދިން

ނައިޖީރިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަރުކަށި އިސްލާމީ ޖަމާއަތް، ބޯކޯ ހަރާމުން އެގައުމުގައި ވަގަށް ނަގާފައިވާ ކުދިންގެ އަދަދު 1000 އަށް އަރައިފި ކަމުގައި ޔުނިސެފުން ބުނެފިއެވެ.
2014 ވަނަ އަހަރުގެ އެޕްރީލު މަހު ޗިބޮކްގެ ސަރުކާރު ސްކޫލަކުން 276 ކުދިން ވަަގަށް ނެގި ހާދިސާއަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ޔުނިސެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ 2013 ގެ ފަހުން ވަގަށް ނަގާފައިވާ ކުދިންގެ އަދަދު ކަމުގައެވެ.
ޗިބޮކް ސްކޫލުން ވަގަށް ނެގި ގިނަ ކުދިން ސަލާމަތްވެފައި ވީނަމަވެސް އަދިވެސް 100 އަށް ވުރެ ގިނަ ކުދިން ބޯކޯ ހަރާމްގެ އަތްދަށުގައި އެބަތިއްބެވެ.
ޔުނިސެފުން ވަނީ ސްކޫލުތަކަށް ހަމަލާދިނުން ހުއްޓާލުމަށާާއި، "ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން ހުއްޓާލުމަށް" އެ ބަޔާނުގައި ގޮވާލާފައެވެ. ބަޔާނުގައިވާ ގޮތުބް ސްކޫލް ކުދިން، ވަކިން ޚާއްސަކޮށް ކުޑަ އަންހެން ކުދިން، އަބަދުވެސް ތިބެނީ ނުރައްކަލުގެ ތެރޭގައެވެ. އަދި "އެކުދިންގެ ގެއާއި، ސްކޫލާއި، އާއްމު ތަންތަނުގައި އެކުދިން ތިބެނީ އަނިޔާވެރި ހަމަލާތަކަށް ހުށަހެޅިފައެވެ."
ފާއިތުވި އަހަރު ބޯކޯ ހަރާމުން ވަނީ ޗިބޮކް ސްކޫލުން އެމީހުން ވަގަށް ނެގި ކިޔަވާކުދިން ކަމަށް ބުނާ ކުދިންގެ ވީޑިއޯއެއް ދައްކާފައެވެ. އަދި ދެން ދުވަހަކުވެސް އެކުދިން އެނބުރި ނުދާނެ ކަމަށް ބުނެފައެވެ.
ބޯކޯ ހަރާމުން ގިނައިން ވަގަށް ނަގަނީ ޒުވާން އަންހެންކުދިންނެވެ. އަދި ގިނަ ކުދިންތަކެއް އެއްފަހަރާ ނެގުމުގެ މަގުސަދުގައި އެމީހުން ހަމަލާދެނީ ވެސް އަންހެންކުދިންެގެ ސްކޫލްތަކަށެވެ. ފާއިތުވި ފެބުރުވަރީ މަހުގެ ތެރޭގައި ނައިޖީރިޔާގެ އުތުރުގެ ރަށެއް ކަމުގައިވާ ޑަޕްޗީގެ އަންހެންކުދިންގެ ސްކޫލަކަށް ދިން ހަމަލާއެއްގައި އެޖަމާއަތުން ވަނީ 9 އަހަރާ 11 އަހަރާ ދެމެދުގެ 110 ކުދިން ވަގަށް ނަގާފައެވެ.
އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމުގައި ބެލެވޭ ބޯކޯ ހަރާމުން ނައިޖީރާގެ އިރުއުތުރު ސަރަހައްދުގައި ހަނގުރާމަކުރަމުން ދާތާ 9 އަހަރުވެއްޖެއެވެ. މި ހަނގުރާމައިގައިި 20 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.