ލޯކަލް ޓޫރިޒަމަށް ލިބުނު ހީނަރުކަން އަދިވެސް ރަނގަޅެއްނުވޭ:އެމްޓީޔޫ

ރާއްޖޭގައި ސްޓޭޓުއޮފް އިމަޖެންސީ (އެސްއޯއީ) އިއުލާންކޮށް 45 ދުވަހަށް ދިގު ދެންމުމުގެ ސަބަބުން ލޯކަލް ޓޫރީޒަމަށް ލިބުނު ގެއްލުމުން އަދިވެސް އަރައި ނުގަނެވޭ ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ އެސްއޯއީ ގެ ސަބަބުން އެދުވަސްވަރު އެތައް ބުކިންއެއް ކެންސަވި ކަމަށެވެ. އޭގެ އިތުރަށް ގައުމުތަކުން ޓްރެވެލް އެޑުވައިޒަރީ ނެރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވި ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޑޮމިނޭޓު ކުރަނީ އާންމުކޮށް ޗައިނާގެ ފަތުރުވެރިވެރިން. އެސްއޯއީގެ ސަބަބުން އެ ގައުމުންވެސް ރާއްޖެއައި ފަތުރުވެރިގެ އަދަދު ދަށްވި. އެހެންކަމުން ލޯކަލް ޓޫރިޒަމަށް އޭރުކުރި ނޭދެވޭ އަސަރު އަދިވެސް ހަމައަކަށް ނޭޅޭ. އެދުވަސްވަރު ވަނީ ބައެއް ފުލައިޓުތައްވެސް ރާއްޖެއަށް އުދުހުން ހުއްޓާލައިފައި. އަލުން ފެށުމަކީ އެހާ ފަސޭހަ ކަމަކަށް ވާނެހެން ހިޔެއްނުވޭ،" އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އެއްސަރަހައްދެއްގައި އެންމެގިނަ ގެސްޓު ހައުސް ހިންގާ އެއްތަނަކީ ހުޅުމާލެ ކަމަށެވެ. ހުޅުމާލޭގައި ގެސްޓުހައުސްތައް ހިންގާ ފަރާތްތަކަށް ލިބުނު ގެއްލުން އަދިވެސް ފޫބެއްދޭ ވަރެއްނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެތަންތަން ކުރީގެ ހާލަތަށް ބަދަލުވާން އަދި 4 ނުވަތަ 5 ވަރަކަށް މަސް ހޭދަވާނެ ކަމަށް ލަފާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގައުމެއްގައި ސްޓޭޓުއޮފް އިމެޖެންސީ އިއުލާން ކުރުމަކީ އާދައިގެ ކަމެއްނޫން. ޚާއްސަކޮށް ބޭރުދުނިޔެއިން އެކަންކަން ނުނަގާނެ ސަހަލު ކަމެއްގެ ގޮތުގައި. ޓްރެވަލް އެޑުވައިޒަރީވެސް ނެރޭނެ. ބައެއް މީހުން ބުނާނެ އެއީ އާންމު ކަމެކޭ. އެއީ ތެދެއް. އެކަމަކު އެބުނަނި ރާއްޖެއަށް ދަތުރު ކުރަމަކީ ރައްކާތެރި ކަމެއްނޫނޭ އެމީހުންގެ ބަލަދުވެރި ފަރާތް ކަމަށްވާ އެމީހުންގެ ސަރުކާރުން. އެއަށް އެމީހުން ބޯލަނބާނެ. އެހެންވީމާ އެކަން ބޮޑު ކަމަކަށްވަނީ. ޓޫރިސްޓުން ނައުމުގެ ހުރިހާ ގެއްލުމެއް ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލިބެނީ،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެސްޓުހައުސްތަކަށް ކުރިން ލިބުނު އާމްދަނީވެސް ވަރަށް ވަރަށް ބޮޑަށް މަދުވެފައި ކަމަށެވެ. ކުރިއާ ޚިލާފަށް މިހާރު ދިހަރޫމުގެ ގެސްޓުހައުސްއަކުން 4 ރޫމްވެސް ފުލް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.