ގެއްލުން ލިބޭތަކެތި ނުވިއްކާ ގޮތަށް ތީމްޕާކާއި ކެފޭ ކުއްޔަށްދެނީ

މާލޭ ރަސްރަނި ބަގީޗާގައި ތަރައްގީކޮށްފައިވާ ވިންޓަރ ތީމް ޕާކާއި، ކެފޭ ހިންގައި ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާން ކުރައްވައިފިއެވެ.

އެއިއުލާނުގައި ވިދާޅުވެފައިވަނީ ކެފޭއިން ވިއްކާ ބުއިންތަކާއި ކާއެއްޗެހީގެ ތެރޭގައި ހަށިގަނޑަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް އެއްޗެއް ހިމެނިގެންނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ އެނާޖީ ޑްރިންކާއި، ސޮފްޓް ޑްރިންކާއި، ސިގިރެޓު ހިމެނެއެވެ. އަދ އެސަރަހައްދުގައި ދުންފަތުން އިސްތިއުމާލު ކުރެވިގެންނުވާނެ ކަމަށްވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ވިންޓަރ ތީމް ޕާކާއި ކެފޭގެ ޚިދުމަތް އަންނަ ޖޫންމަހު 15 ދުވަހު ފަށަންވާނެ ކަމަށްވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ. ކެފޭ އިންސަރުކާރަށް އެއްވެސް ކުއްޔެއް ދޭކަށް ނުޖެހޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާމުގައި ވަނީ ވިދާޅުވެފައެވެ.

މިފަދަ ޕާކެއް ހެދި ސަބަބަކީ ރާއްޖޭގައި ތިބެގެން ވިންޓަރ މޫސުމާއި ސްނޯ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކުދިންނަށް ހޯދައިދެއްވުމެވެ. ވިންޓަރ ތީމްޕާކުގައި ހުޅުވައިފައި ހުންނައިރު ވީހާވެސް ގިނައިރު ކުދިންނަށް ކުޅިވަރު ކުޅެވޭނެ ފުރުސަތު ހޯދައި ދިނުމަކީ އެތަން ހިންގާ ފަރާތުން ކޮށްދޭންޖެހޭނެ ކަމެކެވެ. އެގޮތުން ކުދިންނަށާއި ބެލެނިވެރިންނަށް ބައިވެރިވެވޭ ގޮތަށް ހުރިހާކުޅިވަރެއް ހަމަޖެއްސުމަކީވެސް އެތަން ހިންގާ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އެތަނުގައި ކުދިން ކުޅިވަރު ކުޅޭއިރު ކުދިންނަށް އެހީތެރިވާނެ މީހުންނާއި، ސްކޭޓް ބޫޓާއި، އަންގިއާއި، ޖެކެޓްފަދަ ތަކެތިވެސް ލިބެން ހުންނަންޖެހޭނެ ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ. އެކަންވެސް ކޮށްދޭންޖެހޭނީ ޕާކު ހިންގާފަރާތުންނެވެ. އެ ޚިދުމަތް ފޯރުކޮށް ދެއްވުމަށް އެތަކެތި ކުއްޔަށް ދެވިދާނެއެވެ. އަދި ޕާކަށް ވަންނަ ކުދިންނާއި މީހުންގެ އަތުން "އެންޓްރެންސް ފީއެއް" ވެސް ނެގިދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ. ވިންޓަރ ޕާކާއި ކެފޭ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 10 އަހަރަށެވެ.

އެތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަނަން އާދީއްތަ ދުވަހު 11:30 އަށް ހައުސިން މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެމީނިސްޓްރީގެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.