ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވެން ވާނެ ކަމަށް އަލިފުދާލުގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީން ނިންމައިފި

ރައީސް ނަޝީދަށް ރިޔާސީ އިނަތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބެންވާނޭ ކަމަށް އަލިފުދާލުގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ. އެ ކޮމިޓީން މި ގޮތަށް ނިންމާފައި ވަނީ 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު އެ މަނިކުފާނު އެ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަތައް ބެލުމަށް ފަހުއެވެ.

ކޮމިޓީން ނެރެފައިވާ ބަޔާނިގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީޢަތުގައި އެމަނިކުފާނަކަށް އެކަށިގެންވާފަދަ ގޮތަކަށް ދިފާޢީ ފުރުސްތެއް އެރުވިފައެއް ނެތެވެ. ޝަރީޢަތް ހިންގައި ދިޔައީ އިޖުރާއީ ހަމަތަކާ ޚިލާފަށް، ޝައްކު އުފެދޭފަދަ ގޮތަކަށެވެ.

އެހެންވީމާ ކޯޓުން ޙުކުމް މުރާޖަޢާ ކުރަން ނުވަތަ މައްސަލަ އަލުން ބަލައި އާ ޝަރީޢަތެއް ހިންގަން ޖެހޭ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ. ކޮމިޓީގެ ނާއިބު ރައީސް ޔުވްރާޖް ޝާނީ ވިދާޅުވެފައިވާ ގޮތުގައި މި ނިންމުމަށް ދިވެހިރާއްޖެއިން އަމަލު ކުރާނޭ ގޮތެއް ނިންމައި ކޮމިޓީއަށް އަންގާން 180 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ނިންމުން މިއަދު ޢާއްމު ކުރި ނަމަވެސް، ކޮމިޓީން މައްސަލަ ނިންމާފައި ވަނީ މި އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.