ދެންމެ ވިހާ ކުއްޖާވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެހެން ހީވާނަމަ ރައީސް ޔާމީން އެކުއްޖަކު ބަންދުކުރައްވައި ޖަލަށް ލައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓު ރައްޔިތުންނަށް ތައާރަފް ކުރާނެ ދުވަހަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ސަމީރު ވިދާޅުވީ ކެންޑިޑޭޓުހުރީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އެބޭފުޅުން އިންތިޚާބަށް ވަޑައިގަންނަވާނީ ރައީސް ޔާމީން މަގާމުން ވަކިކުރައްވައި، އިލެކްޝަންސް ކޮމިޝަން މިނިވަން ކުރެއްވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކީ އިންތިޚާބެއް ބާއްވާނެ މާހައުލެއް އޮތުން. އެމާޖައުލެއްނެތް މިވަގުތު. އިލެކްޝަންސް ކޮމިޝަން މިނިވަނެއްނޫން. އެތަނަކީ ރައީސް ޔާމީނަށް ކަންކަން ފަހިކޮށްދޭތަނެއް. އިންތިޚާބަށް ކުރިމަތި ލައްވައިފާނެ ކަމަށްހީވާ މީހަކުވެސް ރައީސް ޔާމީން އެގެންދަވަނީ ޖަލަށްލައްވަމުން. އައިޖީއެމް ހޮސްޕިޓަލާއި، އޭޑީކޭއަށް މިހާރުވެސް ކުއްޖަކު ވިހައި، އެކުއްޖާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވައިފާނެހެން ހީވެއްޖެނަމަ ޔާމީން އެކުއްޖާވެސް ޖަލަށްލާނެ،" ސަމީރު ވިދާޅުވިއެވެ. މިނޫން ގޮތަކަށް ޔާމީނަށް ދެން ވެރިކަން ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހާލަތުގައި ގައުމު އޮއްވައި އިދިކޮޅު ކެންޑިޑޭޓް ނެރެ ދެއްކައިފި ކަމަށްވާނަމަ އޭނާވެސް ޖަލަށް ލާނެ ލަމަށް ސަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު މިހާރު ހުންނެވީ ރައީސް ޔާމީނަށް ފެނިވަޑައި ނުގަންނަވާނެހެން ރައްކާތެރި ކޮށްފައި ކަމަށެވެ.
"ރައްޔިތުންނަށް އޭނަ ތައާރަފް ކުރުމުގެ ކުރިން ޔާމީން ވެރިކަމުން ވައްޓާލައި، އިލެކްޝަންސް ކޮމިޝަން މިނިވަންކުރާނަން،" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ މިސަރުކާރު ނުވެއްޓި މިހާރުވެސް މިއޮތީ ބަޑިހިފައިގެންތިބި ބަޔަކު (ސިފައިން) ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވީތީ ކަމަށެވެ. އެބޭފުޅުން އެގޮތް ދޫކުރައްވައި ގާނޫނު އަސާސީއަށް ރުޖޫއަވާ ހިސާބުން މިވެރިކަން ވެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިފައިންވަނީ ރައްޔިތުންގެ މަޖިލީސް ކުރާގެ ހިސާރުކޮށް މަޖިލީހުގެ މެންބަރުންނަށް އެތަނަށް ނުވަދޭވޭގޮތް ހަދައިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުން މަޖިލީހަށް ނުވަދެވި ތިބި މެންނަރުންނަށް ވަދެވި ކަންކަން ވީއްލިއްޖެ ކަމަށްވާޏަމަ ވަގުތުން ރައީސް ޔާމީންގެ އިތުބާރުނެތް ކަމުގެ ވޯޓުނަގައި ވެރިކަން ނިންމާލެވޭނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވި ސިފައިންވެސް އަބަދަކު ބަޑިހިފައިގެން ނުތިބޭނެ ކަމަށެވެ. އެބޭފުޅުންވެސް ގާނޫނު އަސާސީއާއި ގާނޫތައް ކިޔައި ބަލައި ހަދާނެ ކަމަށާއި، އެ ކިޔާވަރަކަށް ކޮށްގެންތިބި ހުވައިގެ މަތިން ހަނދާންވެ ﷲ އަށް ބިރުވެތިވެ މި ގައުމުގެ ދިފާއުގައި އެންމެން ނުކުންނާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.