އަދުގެ އިސްލާމީ ދުނިޔެ – 7

(7 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިނގިރޭސި ދައުލަތުން ޒައޮނިޒަމް އަށް ތާއީދުކޮށް ރުހުން ދިނުން

ދުނިޔޭގައި ޒައޮނިޒަމް ފިކްރު އުފެދިގެން އައި ގޮތާމެދު މިހާރުވާނީ، ނަޒަރުކޮށް ކުރުވާހަކަ ކޮޅެއް ގެނެސްދެވި ފައެވެ. ބޮޑު ހަނގުރާމައިގެ ދުވަސް ވަރު، ދުނިޔޭގެ ބާރަކީ، އިނގިރޭސިން ނެވެ. އެގޮތުން، ޔޫނާން، ގްރީސް ގައި އުފެދިގެން ދިރުނު ޒައޮނިޒަމްގެ ފިކްރު، ބިންވަޅުނެގި މަރްކަޒު ކުރެވުނީ، އިނގިރޭސި ވިލާތުގައި އިނގިރޭސިންގެ ތެރޭގައެވެ. އިނގިރޭސި ވިލާތުގައި އޮތް ޒައޮނިޒަމް ފިކުރުގެ މުޖްތަމަޢު އަކީ، ވަރަށް ފައިސާ ވެރި، ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އިނގިރޭސި ވިލާތުގައި ވަރަށް ބާރުގަދަ މޫލައިފައިވާ ބައެކެވެ. މުޅި ޔޫރަޕްގައި މިމީހުންގެ ޖަމްޢިއްޔާ ތަކާއި ކްލަބްތަކާއި ނާދީތައް އުފައްދައި ހަރަކާތްތެރި ކުރުވަމުން ގެންދާ ސޮސައިޓީ އެކެވެ. ވަރަށް ރޭވިގެން ކަންކަން ދުރާލައި ވިސްނައިގެން ކުރަމުން ގެންދާ ބައެކެވެ. އިނގިރޭސި ކްރިސްޓިއަން ދައުލަތަށް، މިފިކުރަށް ތާއީދުދީ ރުހުންދޭން ޖެހުނު ސަބަބުތަކަށް ބަލާއިރު، އެންމެ އިސްކޮށް ފާހަގަކުރެވޭ، ހަތަރު ނުކުތާއެއް މިތާގައި ގެނެސްދޭ ނަމެވެ.

1-    ޒައޮނިޒަމް ފިކްރުގެ ޔަހޫދީންނަކީ، އިނގިރޭސި ސޮސައިޓީގައި ނުފޫޒުހުރި ވަރުގަދަ ބާރަކަށް ވާތީ، ސަރުކާރަށް ތާއީދު ހޯދުމުގެ ކެންޕޭންގައިވި، ސިޔާސީ ވަޢްދު އެއްގެ ގޮތުގައި ޒައޮނިޒަމް ސޮސައިޓީ އާއެކު ވާންޖެހުނު ވަޢްދު އެކެވެ. އިނގިރޭސި ސަރުކާރަށް ޒައޮނިޒަމް ފިކްރުގެ ސޮސައިޓީން ތާއިދު ކޮށް ދީފިނަމަ، ޒައޮނިޒަމް ފިކްރުގެ ޔަހޫދީންނަށް، އެމީހުން އެދޭކަންތައް ކަމުގައިވާ ފަލަސްޠީން ބިމުން އަމިއްލަ މިނިވަން ބިމެއް ދޭނޭކަމަށް ވަޢްދުވީއެވެ. ބިމުގެ ބަދަލުގައި ސަރުކާރަށް އެސޮސައިޓީގެ ތާއީދާއި ރުހުން ލިބިގަތީއެވެ. ފަހެ، މުސްލިމުންގެ ބިމުން ބިމެއް ދީފައި، އިނގިރޭސި ޒައޮނިޒަމް މުޖްތަމަޢުގެ ރުހުން އިނގިރޭސި ސަރުކާރުން ލިބިގަތީއެވެ. މިކަމާ ގުޅިގެން ސަރުކާރަށް، އިންތިޚާބު ތައް ކާމިޔާބުކޮށް ދިނުމަށް ކެމްޕޭއިން ކުރުމާއި ސަރުކާރުގެ ތެރެއަށް ޒައޮނިޒަމް ފިކްރުގެ މީހުންނަށް ވަނުމުގެ ޗާންސް ބޮޑުވެ، އިތުރު ވެގެން ދިޔައެވެ.

2-    ހައިމް ވައިޒްމަން އަކީ، އިނގިރޭސި ވިލާތުގެ ޒައޮނިޒަމް ސޮސައިޓީގެ ވެރިޔާއަށް ވެފައި މީނާއަކީ، އެކި ވައްތަރުގެ ކެމިކަލްސް އުފެއްދުމާއި އޭގެ ކާރުޚާނާއެއްގެ ވެރިއަކަށް ވެފައި، ހަމައެކަނި މިބާވަތުގެ ކެމިކަލްސް ހަތިޔާރުގެ މަސައްކަތް ކުރަނީ މީނާގެ ކާރްޚާނާއިން ކަމުގައިވާތީ، މީނާގެ ތާއީދާއި ރުހުން، އިނގިރޭސި ސަރުކާރަށް އިންތިހާއަށް ބޭނުންވެ އެވެ. އިނގިރޭސި ޢަސްކަރިއްޔާ އަށް ބޭނުންވާ ހުރިހާ ކެމިކަލްތަކެއް ގަންނަން ޖެހެނީ، ވައިޒްމަން އަތުންނެވެ. އެހެންވެ ވައިޒްމަން އަށް ދޭންޖެހޭ ގިނަފައިސާ ތަކުގެ ބަދަލުގައި އޭނާ ބޭނުންވަނީ، ޔަހޫދީ ޒައޮނިޒަމް ސޮސައިޓީއަށް ފަލަސްޠީނުން އަމިއްލަ ޤައުމީވަންތަ މިނިވަން ބިމަކަށް ވާތީ، ފައިސާ ދިނުމުގެ ބަދަލުގައި މީނާއަށް މިކަންކޮށް ދިނީއެވެ. ވައިޒްމަން އާއި ރޮތްޗައިލްޑުމެން އަތުގައި ފައިސާއަކީ، ފަލަސްޠީންގެ މުޤާބިލްގައި އެއްވެސް އެއްޗަކަށް ނުވާތީ އިނގިރޭސިން ނަށް މިޑީލް ހަދަން ޖެހުނީއެވެ. އެހެންވުމުން ވައިޒްމަން އަށް އިނގިރޭސި ސަރުކާރުން ދޭންޖެހޭ ފައިސާތައް ބިމެއްގެ ދަހިވެތި ކަމުގައި މަޢާފުކޮށް ކަނޑާލަ ދިނުމުން، ފަލަސްޠީންގެ ބިން ޔަހޫދީ ޒައޮނިސްޓުން ނަށް ވަޒަނެއްގެ ގޮތުގައި ދީފައި އިނގިރޭސި ސަރުކާރުން ޔަހޫދީ ސޮސައިޓީގެ ރުހުން ލިބިގަތީ އެވެ. ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގާ ބޭނުންކުރި ހުރިހާ އެސިޓޯން ކެމިކަލްސް އާއި ހަތިޔާރު ހިލޭ ހޯދީ މިގިތުގެ މަތީންނެވެ. އެއްވެސް ކަހަލަ ނަގުދު ފައިސާއެއް ނުދީއެވެ.

3-    އޭރުގެ އިނގިރޭސި ބޮޑުވަޒީރު ލޮއިޑް ޖޯރޖް އާއި ސަރުކާރުގައި އިސްކޮށް ތިއްބެވި ހުރިހާ ކްރިސްޓިއަނުންގެ އެދުރުބޭކަލުން ޤަބޫލް ކުރާގޮތަކީ، އަދި އެމީހުންގެ ޢަޤީދާއަކީ، މަސީޙް ޢީސާ ޢަލައިހިއް ސަލާމް އަކީ، ދުނިޔެއަށް އެނބުރި، މުޞްލިޙެއްގެ ގޮތުގައި ވަޑައިގަން ނަވާނެ ނަބީއެއްކަމާއި އެނަބިއްޔާ ވަޑައިގަތުމަށް ޓަކައި، ޙުރުމަތްތެރި ވެގެންވާ މުޤައްދަސް ބިމެއް އެކަމަށް ޚާއްޞަ ކުރެވިފައި އޮންނަން ޖެހޭކަމާއި އެބިމަކަށް އެންމެ ރަނގަޅުވާނީ، ފަލަސްޠީންގެ ޤުދުސް ކަމުގައި ޤަބޫލް ކުރާ މީހުންގެ ޢަޤީދާއަށް އިސްކަމެއް ދިނުމުގެ ގޮތުން، އިނގިރޭސި ސަރުކާރުގައި އިސްކޮށް ތިއްބެވި ވެރިން، ބޮޑުވަޒީރާއެކު މިކަމަށް ރުހި، ފަލަސްޠީން ޒައޮނިސްޓް ޔަހޫދީންނަށް ދިނުމަށް ނިންމާއި ރުހުނީއެވެ. ވައްދުވީއެވެ.

4-    ފަހަރުގައި މިނުކުތާ ކޮންސްޕިރަސީ ތިޔަރީއަކަށް ވެދާނެއެވެ. އެހެނަސް ބައެއް މުއައްރިޚުން ފާހަގަކޮށް ހަދާފައިވާތީ، ގެނެސްދޭނަމެވެ. އިނގިރޭސިން ޤަބޫލްކުރާ ގޮތުގައި ބޮޑު ހަނގުރާމައިގެ ތެރެއަށް އިނގިރޭސިން ނާއެކު، އެމެރިކާ ވެއްދޭނެ ހަމައެކަނި ގޮތަކީ، އެމެރިކާގައި ތިބި ޔަހޫދީ ސޮސައިޓީ ރުއްސުން ކަމުގައި ވާތީ، އެކަން ކުރެވޭނީ، ފަލަސްޠީންގެ ބިމުން ޔަހޫދީން ނަށް ދިރިއުޅޭނެ އަމިއްލަ މިނިވަން ބިމެއް ދީގެންކަމުގައި އިނގިރޭސިން ނަށް ޤަބޫލް ކުރެވިގެން، އެމެރިކާ ބޮޑު ހަނގުރާމައަށް ވެއްދުމުގެ ބޭނުމުގައި މިކަން ކުރީއެވެ. އެހެނަސް އެމެރިކާ އަކީ، އަށާރަ ސަތޭކައާއި ނަވާރަ ސަތޭކައިގެ އަހަރުތަކު ގައި ސާފުކަމާ އެކީގައި އަޞްލު ޔަހޫދީންގެ ގޮތުގައި ވަރަށް ހިތްހަމަ ޖެހުމާއެކު ދިރިއުޅެމުން ގެންދިޔަ ޤައުމެކެވެ. ޒައޮނިޒަމް އޭކިޔާ ފިކުރުގެ އެއްވެސް ޚިޔާލެއް ގެންގުޅުނު ބައެއްނޫނެވެ. ކްރިސްޓިއަނުން ތިބީ އަޞްލު ކްރިސްޓިއަނުންގެ ގޮތުގައެވެ. ޔަހޫދީން ތިބީ، އަޞްލު ޔަހޫދީންގެ ގޮތުގައި އެޢަޤީދާގެ މަތީގައެވެ. ޒައޮނިޒަމް ފިކްރު އާއި ނާޒީ ފިކްރު އާއި ޢަލަވީ ފިކްރު އައި އެހެނިހެން އިސްތިޢްމާރީ އަދި ޚުރާފީ ފިކުރުތައް ފެތުރިގެން އައީ ޔޫނާންގައެވެ. އެމެރިކާ ޔަހޫދީން ތިބީ، އެމީހުންގެ އަޞްލު ދީނުގައެވެ. ޠާހިރުކަން މަތީގައެވެ. އެހެންވެ އޭރު އިތުރު އިސްތިޢްމާރީ އަދި ޚުރާފީ، ދީނީ ފިކުރުތަކެއް ނެތެވެ. އެހެންބައެއްގެ ބިމަށް އަރާއި ގަދަކަމުން ވެރިވެގަތުމުގެ ޚިޔާލެއް ފިކުރުއެއް އޭރަކު އެމީހުނެގެ ކިބައިގައި ނެތެވެ.

އާދެ! އެމެރިކާ އިނގިރޭސިން ނަށް ތާއީދުކޮށް ބޮޑު ހަނގުރާމައަށް ވަނީ، ވަރަށް ފަހުގައެވެ. ހަނގުރާމަ ނިމެން ކައިރިވެފައި ވަނިކޮށެވެ. ފަހެ، އެމެރިކާ އިން، ޔަހޫދީ ޒައޮނިޒަމް އަށް ތާއީދުކުރީ، އަދި ޤަބޫލްކުރީ، ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހުގައެވެ. އިސްރާއީލީ ދައުލަތެއް އުފެއްދުމުގެ ތެރޭގައެވެ. ބަލްފޯރ ވަޢްދުގެ ދުވަސް ވަރަކު ނޫނެވެ. ޒައޮނިޒަމް އުފެދިގެން އައި ދުވަސްވަރަކު ނޫނެވެ.

ފަހެ، ހަމަ މިހަމައިގެ މަތިން، އިނގިރޭސިންގެ ތެރޭގައި ވެސް ޒައޮނިޒަމްއާ ދެކޮޅު ވިސްނުމުގެ ބޭފުޅުން އެންމެމަތީ ފަޑީގައި ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެއިސް ބޭފުޅަކީ، އެޑްވިން ސަމްޔޫލް މޮންޓަގޫ (EDWIN SAMUEL MONTAGU, 6 FEB 1879 – 15 NOV 1924) އެވެ. މީނާއަކީ، އިނގިރޭސި ލިބަރަލް ސިޔާސީ ބޭފުޅެކެވެ. ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އިންޑިޔާގެ މަޤާމްގައި، 1917 އިން ފެށިގެން، 1922 އަށް ހުންނެވިއެވެ. އަދި، 1906 އިން ފެށިގެން، 1918 އަށް އިނގިރޭސި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއެވެ. އަދި ބޮޑު ހަނގުރާމަ އަށް ފަހު، ޕެރިސް ގައި ބޭއްވި ޕީސް ކޮންފަރެންސް އަށް އިންޑިޔާއިން އައި ވަފުދުގެ ލީޑަރަކީ، މޮންޓަގޫ އެވެ.

އާދެ! މޮންޓަގޫ އަކީ، ބްރިޓިޝް ކެބިނެޓަށް ވެންނެވި، ދެވަނަ އިނގިރޭސި ޔަހޫދީއެވެ. އަދި މީނާއަކީ، ޒައޮނިޒަމްގެ ފިކްރު އިނގިރޭސި ކެބިނެޓް ތެރޭގައި ފުރަތަމަ ފަހަރަށް ފެތުރި، ހަރބަރޓް ސަމްޔޫލް އައި ތިމާގެ ބޭފުޅެކެވެ. އެހެނަސް އަޞްލު ޔަހޫދީ އަކަށްވާތީ ޒައޮނިޒަމްއާ ދެކޮޅީއެވެ. ފަހެ، މޮންޓަގޫ އަކީ، އިނގިރޭސި ކެބިނެޓްގެ އެތެރެކޮއިލްގެ އަރިސް ބޭކަލެކެވެ. އިނަރސާކްލްގެ ބޭފުޅެކެވެ. މޮންޓަގޫ އަކީ، އިނގިރޭސި ކެބިނެޓްގައި ޒައޮނިޒަމް އާ ދެކޮޅަށް ހަރުކަށިކޮށް ވަރަށް ފާޅުކަން ބޮޑު ގޮތުގައި ވާހަކަ ދައްކަވާއި އަޑުއުފުއް ލަވައި ވަކާލާތު ކުރެއްވި ޢަޤީދައިގެ ގޮތުން އަޞްލު ޔަހޫދީ ބޭކަލެކެވެ. ފޮތުގެ އަހްލުވެރި އެކެވެ. އަދި ބަލްފޯރ ވައްދު އައި ދެކޮޅު ހެއްދެވި، ހަމަ އެކަނި ޔަހޫދީ ބޭފުޅާއެވެ. ފަހެ، މޮންޓަގޫ އިނގިރޭސި ކެބިނެޓްގެ މިޢަމަލަށް ސީދާ ޢިބާރާތުން ފާޑު ވިދާޅުވެފައި ވަނީ، “އެއްވެސް ފައިދާއެއް ނެތް، ސިޔާސީ ތަފާތު ކުރުމެއް ކަމުގައެވެ.” އޭނާ ދެކޭ ގޮތުގައި މިއީ ޒަމާން ތަކަކަށް ދެމިގެންދާނެ، އެންޓި ސެމިޓިކް (ANTI SEMITIC) ޢަމަލެކެވެ. ފާޅުގައި ޔަހޫދީންނާ ދެކޮޅުވެރި ކަމެއް އުފެއްދުނީ އެވެ. އަދި މީގެ އިތުރަށް، އިނގިރޭސި ކެބިނެޓަށް މޮންޓަގޫ ނޯޓެއް ހުށަހެޅުއްވި އެވެ. އެ ލިޔުމުގައި ވަނީ މިފަދައިންނެވެ. “ހަމަ ކަށަވަރުން އަހަރެންނަށް ޤަބޫލް ކުރެވެނީ، މިކަމުން މުސްލިމުން ނާއި މަސީޙީން ނަށް ޔަހޫދީންނާ ދެކޮޅު ހެދުމަށް، ދޮރާއްޓެއް ހުޅުވައިދީ މަގުފަހިކޮށް ދެވުނީއެވެ. އިންގްލޭންޑް އޭ ބުނުމުން، އެއީ އިނގިރޭސިންގެ ތަނަކަށް ޚާއްޞަ ކުރެވިގެން ދާގޮތަށް، އަދި ފްރާންސް އޭ ބުނުމުން ފްރެންޗް މީހުންނަށް ނިސްބަތް ކުރެވިގެން ދާގޮތަށެވެ. ފަހެ، ތުރުކީންނާއި ފަލަސްޠީންގެ މުސްލިމުންނާއި އެހެނިހެން މުސްލިމުން ކަމާނުބެހޭ ބައެއްގެ ގޮތުގައި ފާހަގަކުރެވި ބޭރުކޮށް ލެވުނީއެވެ. ހަމަ މިބީދައިން ޔަހޫދީންނަކީ، އެހެން ޤައްމު ތަކުގައި ތަފާތުކަމާއެކު ބޭރުކޮށް ލެވޭނެ ބަޔަކަށް ވެގެންދާނެ ބައެކެވެ.”

ފަހެ، މިހާ ފާޅުކަން ބޮޑު ގޮތަކަށް މިވާހަކަ ތަފްޞީލް ކޮށް ދިނުމުން ވެސް އަޅާލާނެ، އަޑުއަހާނެ ފަރާތެއް ނުވިއެވެ. ވަޅުޖެހިގެން ދިޔައީ އެވެ. އޮބުނީއެވެ. އެއްވެސް ޢަމަލީ ސިފައެއް ނުގެނެވި ތާރީޚްގެ ތެރެއަށް މިވާހަކަތައް ފަސްއެޅި ފޮރުވިގެން ދިޔައީ އެވެ. މޮންޓަގޫގެ ބޮޑުބޭބެ، ހަރބަރޓް ސަމްޔޫލް އަކީ، އިނގިރޭސި ސަރުކާރު ތެރޭގަޔާއި އިނގިރޭސި ޔަހޫދީ ސޮސައިޓީ ތެރޭގައި ޒައޮނިޒަމްގެ ނުބައިވިހަ، ފުރަތަމަ ފަހަރަށް ފެތުރި ޒަޢީމް އެވެ. އަދި ފަލަސްޠީނުން އަމިއްލަ މިނިވަން ވަޒަނެއް ހޯދުމަށް ވަކާލާތު ކުރެއްވި އިސް މޭސްތިރިޔާ އެވެ. މިހުރިހާ ބަހުސް ތަކަކަށް ފަހު ވެސް، ބަލްފޯރ ވަޢްދުއާއި ފައިޞަލް ވައިޒްމަން ވައްދުއާ އެއްގޮތަށް ކުރިޔަށް ގެންގޮސް ނިންމާލީ، ޔަހޫދީންގެ ހަރުކަށި ޒައޮނިސްޓް ޖަމާޢަތުގެ އެދުމާ އެއްގޮތަށް ޒައޮނިސްޓުންގެ އަމިއްލަ މިނިވަން ވަޠޮނެއް ބިނާކުރުމަށް ފަލަސްޠީން ދޭށެވެ. އިނގިރޭސިންގެ ވަޢްދު ފުއްދައި ފުރިހަމަކޮށް ދިނީއެވެ. މުސްލިމުން ނަށް ހިތާމައިގެ ކޮޅެއް ނެތެވެ.

ޢިރާޤް އާއި ބަޣްދާދު ހިފުން

ޢިރާޤް އާއި ބަޣްދާދްއާ، އަދި އެސަރަޙައްދުގެ އެހެނިހެން ރަށްތައް ވަށާލައި ބައެއް ރަށްތައް ހިފީ، ބޮޑު ހަނގުރާމައިގެ ތެރޭގައި ހިންގުނު، “މެސެޕޮޓޭމިއާ ކެންޕޭން” (MESOPOTAMIAN CAMPAIGN) ތެރޭގައެވެ. މިހަނގުރާމަ ކެންޕޭނެއްގެ ސިފައިގާ ކުރެވުނީ، 9 ނޮވެންބަރ 1914 އިން ފެށިގެން، 14 ނޮވެންބަރ 1918 އަށެވެ. ބަރާބަރު، 4 އަހަރާއި، 1 ހަފްތާއާއި، 1 ދުވަހުން ނަތީޖާހޯދި ކެންޕޭން އެކެވެ. މިހަނގުރާމަ ތެރޭގައި ފުރާތު (EUPHRATES) ކޯރުއާއި ދިޖްލް (TIGRIS) ކޯރުގެ ދެމެދުގައި ވާރަށް ތަކާއި އައްސޭރި ފަށުގެ ރަށްތައް އެކުގައި ހިފީއެވެ. މެސެޕޮޓޭމިއާ އަކީ، މިހާރުގެ މޮޑަން ޢިރާޤް އެވެ. ފަހެ، މިސަރަޙައްދަކީ، ޢުޘްމާނީ ޚިލާފަތުން ވަރަށް ޢުމްރާނީ މަސައްކަތް ހިންގި ސަރަޙައްދެކެވެ. 1888 ގައި ޤައިމު ކުރެވުނު ޢިރާޤް ރެއިލްވޭއާއި އެންގްލޯ ޕާޝިއަން އޮއިލް ކުންފުނީގެ ބިޔަ މަސައްކަތްތައް އިސްލާމީ ޚިލާފަތުން ގެނައި ރިފޯރމްތަކުގެ ތެރޭގައި ހިމެނެއެވެ. އިނގިރޭސިންގެ ބިރަކަށް ވެގެންދިޔައީ މުސްލިމުންގެ މިތަރައްޤީ ތަކެވެ. އަދި ސަރަޙއްދުގެ މުއްސަނދި ކަމެވެ. ފަހެ، މި ސަރަޙައްދަކީ، މާސިންގާ ފުރާތު ކޯރާއި ދިޖްލަކޯރުގެ ދެމެދަށް ވާތީ، ވަރަށް ވަރަށް ފެންތިޔާގި، ބިންގަޑު ރަނގަޅު ދަނޑުވެރި އޭރިޔާ އެކެވެ. ޢަރަބިން މިބިމަށް ދީފައިވާ ނަމަކީ، ބިލާދުއްރާދިފީން އެވެ. އަލްކޫތް (ALKUT) އާއި އެހެނިހެން ރަށްތައް ވަށާލުމަކީ، ޢިރާޤްގެ ބިމަށް އެއްވެސް އިންސާފެއް، އިންސާނިއްޔަތެއް ނެތި އިނގިރޭސިން ވެރިވެ ގަތުމެވެ. އަދި ބަޣްދާދް އިނގިރޭސިންގެ ދިދައިގެ ދަށަށް ވެއްޓިގެން ދިއުމެވެ.

ކޫތް ވަށާލުން

ކޫތް ވަށާލުމުގެ (SIEGE OF KUT ALAMARA) ހަނގުރާމަ އަކީވެސް، މެސެޕޮޓޭމިއާ ކެންޕޭންގެ އަމާޒެކެވެ. މިހަނގުރާމަ ހިނގީ، 7 ޑިސެންބަރ 1915 އިން ފެށިގެން، 29 އެޕްރީލް 1916 އަށެވެ. ފަހެ، މިއީ ޢުޘްމާނީ ޚިލާފަތްގެ ލަޝްކަރާއި އިއްތިޙާދީ ލަޝްކަރާ ދެމެދު ހިނގި ވަރުގަދަ ކުރިމަތި ލުމެކެވެ. އިއްތިޙާދީންގެ ލަޝްކަރުގައި ގިނައިން ބޭނުންކުރީ، އިންޑިޔާގެ ޢަސްކަރީން ނެވެ. ލީޑަރަކަށް ހުންނެވީ،  މޭޖަރ ޖެނެރަލް ޗާލްސް ޓައުންޝެންޑް (SIR CHARLES VERE FERRERS TOWNSHEND, 1861 – 1924) އެވެ. ޢުޘްމާނީ ލަޝްކަރު ލީޑްކޮށްދިނީ، ކޮލްމަރ ވޮންޑެ ގޮލްޓްޒް (COLMAR FREIHERR VON DER GOLTZ, 1843 – 1916) އެވެ. މީނާއަކީ، ޕާޝިއަން ފިލްޑްމާޝަލް އެކެވެ. މަޝްހޫރު ވެފައިވަނީ، ގޮލްޓްޒް ޕާޝާގެ ނަމުންނެވެ. އަރިހުގައި ލީޑަރުންނަށް ދެން ތިއްބެވީ، ނޫރައްދީން އިބްރާހީމް ޕާޝާ (NUREDDIN IBRAHIM PASHA, 1873 – 1932) އާއި ޚަލީލް ޕާޝާ (HALIL KUT, 1881 – 1957) އައި މިދެ ޕާޝާ އިންނެވެ. ޚަލީލް ކޫތްޕާޝާ އަކީ، އަންވަރު ޕާޝާގެ ބޮޑުބޭބެ އެވެ. ވަނަމަކަށް މަޝްހޫރު ވެފައި ވަނީ، “ދަ ހީރޯ އޮފް ކޫތް” އެވެ.

އާދެ! އަލްކޫތް (ألكوت) އަކީ، މިހާރުގެ މޮޑަރން ޢިރާޤްގެ ރަށެކެވެ. އަލްކޫތް އޮންނަނީ، ބަގްދާދް އަށް ވުރެ، 100 މެއިލް ދުރުގައި ދެކުނަށް ވާގޮތަށެވެ. ކޫތް ހަނގުރާމައިގާ ގިނަ ކާމިޔާބުތައް ހޯދީ، ޚިލާފަތްގެ ލަޝްކަރުން ނެވެ. އިނގިރޭސި ލަޝްކަރުން ވަރަށް ގިނަ ބަޔަކު ކޯރަށް ގެނބިގެން މަރުވިއެވެ. އެހެނަސް ބަޣްދާދް ހިފުމާއެކު، ކޫތް ވެސް އިނގިރޭސި ލަޝްކަރުގެ ދަށަށް ވެއްޓި މުޅި ބިލާދުއް ރާދިފީން ގެ މައްޗަށް އިނގިރޭސި ލަޝްކަރު ގަދަވެގެން ދިޔައީއެވެ.

ބަޣްދާދް ހިފުން

އިސްލާމީ އުންމަތުގެ ވެރިރަށް ތަކުގެ ތެރެއިން، މުހިންމު ރަށެއް ކަމުގައިވާ ބަޣްދާދް ހިފީ، މެސެޕޮޓޭމިއާ ކެންޕޭން ތެރޭގައި ކުރެވުނު ހަނގުރާމަ ތަކުގެ ތެރޭގައި، 11 މަރޗް 1917 ގައެވެ. މިއީ މިކެންޕޭންގެ އެންމެ މުހިންމު އަމާޒެވެ. ބަޣްދާދް ހިފުމުގައި ބްރިޓިޝް އިންޑިއަން އަރމީ އިސްރޯލެއް ކުޅުނެވެ. ކޫތް ވަށާލާއި ނުހިފި ދިއުމުން، އިނގިރޭސި ލަޝަކްރަށް ވަނީ، ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން ރުކުރަވާލާ ފައެވެ. ލީޑަރ އަކަށް ހުރީ، އާކޮމާންޑަރ އެއް ކަމުގައިވާ، ލެފްޓިނަންޓް ޖެނެރަލް ސަރ ފްރެޑްރިކް ސްޓޭންލީ މޯޑް (SIR FREDERICK STANLEY MAUDE, 1864 – 1917) އެވެ. ވަރުގަދަ ހަނގުރާމައެއް ހިނގައި، ޢުޘްމާނީ ޚިލާފަތްގެ ލަޝްކަރުން، 15 ހާސް ޢަސްކަރީން ހިފާ ހައްޔަރު ކުރެވުނެވެ. އަދި އޭގެ އެއްހަފްތާ ފަހުން ބަޣްދާދް އިނގިރޭސިންގެ ލަޝްކަރުގެ އަތްދަށަށް ވެއްޓުނީއެވެ. ޖެނެރަލް މޯޑް ބަޣްދާދް އަށް ވަދެ، ކޯއްޓޭގައިހުރި، ޢުޘްމާނީ ޚިލާފަތުގެ ދިދަ ބާލައި އިނގިރޭސި ދިދަ ނެގީއެވެ. ފަހެ، ޚަލީލް ޕާޝާ އަށް ޖެހުނީ، ވަރަށް ހިތްވަރު ކުރުމަށް ފަހު، ފަހަތަށް ޖެހި ބަޣްދާދް ހުސްކުރާށެވެ. 9000 ޢުޘްމާނީ ސިފައިން ހިފާ ހައްޔަރު ކުރިއެވެ. 11 މަރޗް 1917 ގައި މާގަދަ ފަދަ ހަނގުރާމައެއް ނުހިނގައި ބަޣްދާދް ކޮންޓްރޯލް ދަށަށް ގެނެސް ނިންމާ ލީއެވެ. ގަދަޔަށް ހަނގުރާމަ ހިނގީ، 8، 9، 10 މަރޗް ގައެވެ.

އާދެ! ބޮޑު ހަނގުރާމަ ނިމުމާއެކު، ހިފި އެހެން ރަށްތަކަކޭ އެއްގޮތަށް ބަޣްދާދް ވެސް އޮތީ، 1920 ގައި “ކިންގްޑޮމް އޮފް ޢިރާޤް” ގެ ނަމުގައި އިނގިރޭސިން ރަސްކަމެއް އުފެއްދުމާ ހަމައަށް، ބްރިޓިޝް އެޑްމިނިސްޓްރޭޝަންގެ ދަށުން ބަލަހައްޓާ ބިމެއްގެ ގޮތުގައެވެ. އިދާރީ ހުރިހާކަމެއް ބެލެހެއްޓީ، އިނގިރޭސި ލަޝްކަރުން ނެވެ. އެހެނަސް ޢިރާޤް އަކީ، އާދައިގެ ޤައްމެއް ނޫނެވެ. ޤައްމީ ރޫޙް ހުރި ބަޠޮލުންތަކެއް ޒަމާނުއްސުރެ ދިރިއުޅެމުން ގެންދާ ފަސްގަނޑެކެވެ. އިސްތިޢްމާރު ތަކަށް ގޮތްގޮތް ހަދާލަން އުނދަގޫ ބިމެކެވެ. ޤައްމީ ވަންތަރޫޙްގެ ދަރިން ގިނަކަމުން ނެވެ. ބޮޑު ހަނގުރާމަ ނިމުމާއެކު ހެން، ޢިރާޤް ތެރޭގައި އެކިއެކި ޤައްމީ ހަރަކާތްތަކާއި ވަޠޮނީ ހަރަކާތްތައް ފެށިގެން ހިނގައި ގެންފިއެވެ. ފުރާތްކޯރާއި ދިޖްލަ ކޯރުގެ އަހްލު ވެރިންނަކީ، އަމިއްލަ ފަސްގަނޑުދެކެ ލޯބިހުންނަ ވަރަށް ވަރުގަދަ ޤައްމީ ރޫޙެއްގެ އަހްލުވެރި ބައެކެވެ. އަބަދުވެސް އަމިއްލަ މިނިވަން ކަމަށް ލޯބިކުރާ ބައެކެވެ. ޢިރާޤްގެ ކުރުދީންނަކީ ވެސް މިރޫޙްގެ ބައެކެވެ. އަބަދުވެސް އަމިއްލަ ފަސްގަނޑު ދެކެލޯބިވާ ބައެކެވެ.

ފަހެ، އިނގިރޭސިން، ބޮޑު ހަނގުރާމަ ނިންމާފައި، 1919 ގައި ޕްރާންސްގެ ޕެރިހުގައި ބޭއްވި، ޕީސް ކޮންފަރެންސްގެ ނިންމުމާ އެއްގޮތަށް “ކިންގްޑޮމް އޮފް ޢިރާޤް” ގެ ނަމުގައި ރަސްކަމެއް ހަމަޖެއްސީ، މައްކާޝަރީފް ޙުސައިންގެ ދެވަނަ ދަރިކަލުން، ޢަބްދުﷲ އެކެއް ގެނެސް ރަސްކަމުގައި ވެޑުވުމަށެވެ. އިނގިރޭސިން މައްކާޝަރީފް ޢާއިލާއަށް ވެފައިވާ، ވައްދުގެ ތަކުގެ ބައިކުޅަބައެއް ނަމަވެސް ފުއްދުމުގެ ގޮތުން، އިނރޭސިން މިކަންކުރިޔަސް، ޢަބްދުﷲއެކެއް އަށް، ޢިރާޤްގެ ރަސްކަމުގައި ހުންނެވުނީ ވަރަށް މަދުދުވަސް ކޮޅެއް ގައެވެ.

1918 އިން ފެށިގެން ޢިރާޤް ތެރޭގައި، ސިއްރު ޤައްމީ ހަރަކާތްތައް ފެށި، ސިއްރު ސޮސައިޓީތައް އުފެދި، ޤައްމިއްޔަތު ދިރުވުމުގެ މަސައްކަތްތައް ފެށިގެން ހިނގައި ގަތެވެ. ވަރަށްފޯރިއާއި ޖޯޝްއާ އެކު މިކަންތައް ބާރަށް ކުރިޔަށް ގެންދިޔައެވެ. އިނގިރޭސިންނަށް އޮބިނޯންނަ ވަރަށެވެ. މިފަހަރު، މިހަރަކާތް ކުރިޔަށް ގެންދިޔައީ އިނގިރޭސިން ނާއި އިނގިރޭސިން އުފެއްދައި ދިން ރަސްކަމުގެ، ސަރުކާރާ ދެކޮޅަށެވެ. އެކި ނަންނަމުގައި ޖަމްޢިއްޔާތައް ވުޖޫދު ކުރެވުނެވެ. ޖަމްޢިއްޔަތުލް ނަހްޟަތުލް އިސްލާމިއްޔާ، ނަޖަފް ގައި އުތުރި އެރިއެވެ. 1919 ގައި ޖަމްޢިއްޔަތުލް ވަޠޮނިއްޔަތުލް އިސްލާމިއްޔާ، ބަޣްދާދްގައި އުތުރި އެރިއެވެ. އަދި ކަރްބަލާ އާއި އަލްކޫތް ގައި، ޙިރާސުލް އިސްތިޤްލާލް، ނަމުގައި ވަޠޮނީ ހަރަކާތްތައް ފެށި ހިނގައި ގަތެވެ. އަދި، ޝީޢީންނާއި ސުންނީންގެ އުސްތާޛުންތައް އިސްކޮށް ތިބެ، އެކަތިގަނޑަކަށް ވެގެން، ޘައުރަތުލް ޢިރާޤިއްޔާތުލް ކުބުރާ (GREAT IRAQI REVOLUTION) ގެ ނަމުގައި ވަރަށް ގަދަފަދަ ބާރުހުރި ހަރަކާތެއް، އިނގިރޭސިންނާ ދެކޮޅަށް މިނިވަން މުސްތަޤިއްލު ޢިރާޤެއް ބިނާކުރުމަށް މަސައްކަތް ފަށައިގަތީއެވެ.

ފަހެ، މިހާ ހިސާބުން، ޢަބްދުﷲ އެކެއްގެ ރަސްކަން ބަލިކަށިވެ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ނިމުމަކަށް އަތުވެއްޖެ އެވެ. އެހެނަސް އިނގިރޭސި އިންޑިއާ ސިފައިންގެ އެހީގައި މިދުވަސްވަރު، ޢިރާޤް ބަލަހައްޓައި ދެމުން ގެންދިޔައީ ސިދާ އިނގިރޭސިން ނެވެ. ސެކްރެޓަރީ އޮފް ސްޓޭޓް ފޯރދަ ކޮލޮނީސް، ވިސްޓަން ޗަރޗިލް ގެ އޯޑަރަށް، 1921 ގައި ރޮޔަލް އެއަރފޯރސް މަތިންދާ ބޯޓްތަކުން ކެމިކަލް ހަތިޔާރުތައް ވެސް ބޭނުން ހިފަން ޖެހުނެވެ. ފަހެ، ދާޚިލީ މިހަމަ ނުޖެހުމުގެ ދުވަސްވަރު، 1920 ގައި ހިތްވަރުގަދަ ކުރްދިސްތާން ގައި، ވަޠޮނީރޫޙް އުފެދި އުތުރިއަރާއި ޢިރާޤްގެ އުތުރުގައި އަމިއްލަ މިނިވަން ދައުލަތެއް، ކުރްދިސްތާން ގެ ނަމުގައި ވުޖޫދަށް ގެނެސް، މަޙްމޫދް ބަރްޒަންޖާނީގެ ރަސްކަމެއް، “ކުރްދިސްތާން ދައުލަތް” ގެ ނަމުގައި ވުޖޫދަށް ގެނައެވެ. ޢިރާޤް ތެރޭގައި މިފަދަ ދެކޮޅުވެރިކަމާއި ދާޚީލީ ހަމަނުޖެހުން ތައް، 1920 ގެ އޮކްޓޯބަރ އާހަމައަށް ގަދަޔަށް ހިނގަމުން ދިޔައެވެ. އެހެނަސް އިނގިރޭސިން ކޮންޓްރޯލް ކޮށް، އަނެއްކާވެސް މައްކާޝަރީފް ޙުސައިންގެ ތިންވަނަ ދަރިކަލުން، ފައިޞަލް އެކެއް އައި ޢިރާޤްގެ ރަސްކަން ހަވާލުކުރީއެވެ. މިކަން ހިނގީ، 1921 އޯގަސްޓް ގައެވެ. ދެންވެސް ޢިރާޤް މަޑުން އޮތީކީ ނޫނެވެ. ހާޝިމީ ދަރިކޮޅުގެ، ފައިޞަލްގެ ރަސްކަން ގެންދެވުނީ ތިން ދަރިކޮޅާ ހަމައަށެވެ. އެއަށް ފަހު ޢިރާޤްގައި އިނގިރޭސިން ބިނާކޮށް ދިން ހާޝިމީ ދަރިކޮޅުގެ ވެރިކަން ހަފުސްކޮށް މުޅިން ނެތިކޮށްލީ، ޢިރާޤްގެ މިނިވަން ދަރިންކަމުގައި ޢިރާޤީ ބަޠޮލުން ނެވެ. މިއަދުވެސް ޢިރާޤްއިން މިފެންނަނީ، އެދުވަސްވަރު ފެނިގެން ދިޔަކަހަލަ މަންޒަރުތަކެވެ. ކުރްދިސްތާން ވަކި ބާރެއްގެ ގޮތިގައި އޮތްތަނެވެ. އެހެން ހިސާބުގައި ވެސް މިނިވަންވުމުގެ ރޫޙް ދިރިފައިވާ ތަނެވެ.

އާދެ! ޢިރާޤްއަކީ، ގިނަ ޢަދަދަކަށް ކިޔަވައިގެންތިބި ސިފައިންނާއި ޤައްމީރޫޙްގެ ޒުވާންދަރިން ގިނަ ޤައްމެކެވެ. ސިފައިންނާއި ދަންނަބޭކަލުން ނާއި ޓީޗަރުންނާއި ގިނަ ތަނަކަށް ވާތީ، އެއްގޮތަކަށް ވެސް، އިނގިރޭސި އިސްތިޢްމާރުގެ ދަށުގައި އޮންނާކަށް ބޭނުމެއް ނުވެއެވެ. ވީމާ ހިނދު ހިނދުކޮޅުން ހަނގުރާމަ ގަދަވަނީ އެވެ. ފަހެ، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް، ޙިޖާޒު ކަރައިގެ ޢަރަބިން ލައްވާ، ހިންގުވި ޢަރަބި ހަނގުރާމަ އަށް ވުރެ، މިކަމުގައި އިނގިރޭސިންގެ އަތުންދާ ޚަރަދު ބޮޑުވުމުން، އިނގިރޭސިން، މިޞްރުގެ ވެރިރަށް، ކައިރޯގައި، 1921 މަރޗް ގައި ކޮންފަރެންސް އެއް ބާއްވައި، ޢިރާޤްއަށް ދާޚިލީ މިނިވަންކަން ދީފައި، މައްކާޝަރީފް ޙުސައިންގެ ތިންވަނަ ދަރިކަލުންނަށް ރަސްކަންދީ މިޚަރަދުތައް ކުރުން، މިހާ ހިސާބުން ހުއްޓާލީ އެވެ. ދެން ވާނެ އެއްޗެއްވެ، ފައިޞަލްގެ ކާފަދަރިކަލުން ފައިޞަލް ދޭއް ޢިރާޤްގެ ރަސްކަމުގައި ހުންނަވަނިކޮށް، 1958 ގެ އިންޤިލާބްގައި މުޅި ހާޝިމީ ދަރިކޮޅު އެކީގައި އެއްކޮޓަރި އަކަށް ވެއްދުމަށް ފަހު، ބަޑިޖަހައި ޢިރާޤްގެ ވެރިކަމުން ހާޝިމީ ދަރިކޮޅުގެ އެޢާއިލާގެ ވަސް މުޅިން ކަނޑުވާލީ އެވެ. އިނގިރޭސިން ޢިރާޤްގައި އުފައްދައިދިން ހާޝިމީ ވަންހައިގެ ވެރިކަން އެހިސާބުން ނެތިގެން ދިޔައީއެވެ. މިޢާއިލާ އެކުގައި މަރާނިންމާލި އިރު، އެކަންކުރި ޢަސްކަރީން ތެރޭގައި ޒުވާން، ޞައްދާމް ޙުސައިން ތާޒާ ޒުވާނެއްގެ ގޮތުގައި ހުންނެވިއެވެ. މިދެކެވެނީ، 1958 ގެ ވާހަކަ އެވެ. މާކުރީގެ ވާހަކަތަކެއް ނޫނެވެ.

ފަހެ، އިނގިރޭސިންގެ ގޮނޑިކޮއްކޮ، ފައިޞަލް އެކެއްގެ ބަލިކަށި ރަސްކަން ޢިރާޤްގައި ދެމިގެން ދިޔަ ގޮތަކީ، މިއެވެ. 23 އޯގަސްޓް 1921 އިން ފެށިގެން، 8 ސެޕްޓެންބަރ 1933 އަށް، ފައިޞަލް އެކެއް ބިން ޙުސައިން ބިން އަލީ ހުންނެވިއެވެ. 8 ސެޕްޓެންބަރ 1933 އިން ފެށިގެން، 4 އެޕްރީލް 1939 އަށް، ފައިޞަލް އެކެއް ގެ ދަރިކަލުން، ޣާޒީ ބިން ފައިޞަލް އެކެއް ބިން ޙުސައިން ބިން އަލީ ހުންނެވިއެވެ. 4 އެޕްރީލް 1939 އިން ފެށިގެން، 14 ޖުލައި 1958 އަށް ޣާޒީގެ ދަރިކަލުން، ފައިޞަލް ދޭއް ބިން ޣާޒީ ބިން ފައިޞަލް އެކެއް ބިން ޙުސައިން ބިން އަލީ ހުންނެވިއެވެ. އިނގިރޭސިން ޢިރާޤްގައި މައްކާޝަރީފް ޢައިލާއަށް އުފައްދައިދިން ހާޝިމީ ދަރިކޮޅުގެ ގޮނޑިކޮއްކޮ ވެރިކަން މިހާ ހިސާބުން ޚަތިމްކޮށްލީ، ފައިޞަލް ދޭއްގެ މުޅި ޢައިލާ އެކުގައި މަރާލާއި ނެތިކޮށްލުމަށް ފަހު، ގެނެވުނު އިންޤިލާބްގައި، ރިޕަބްލިކް އޮފް ޢިރާޤް ދުނިޔެއަށް އުފަންވެގެން ނެވެ.

އާދެ! އިނގިރޭސި އިސްތިޢްމާރުން ނެއްޓިގެންވާ، މިނިވަން މުސްތަޤިއްލު ދައުލަތެއް ޢިރާޤްގައި، ޤައްމީ ބަޠޮލުން ނުކުމެ އުފަންކުރީއެވެ. މިނިވަން ޢިރާޤް އެއް އުފެއްދުނީއެވެ. މިހާ ހިސާބުން ޒުވާން އަސްކަރީ ލީޑަރެއް ކަމުގައިވާ، ޞައްދާމް ޙުސައިން ނިސްބަތްވާ، ޢިރާޤްގެ ޢަސްކަރިއްޔާ އަށް ވެރިކަން ލިބުނީއެވެ. އިނިރޭސިން ނާއި އިނގިރޭސިން އުފެއްދި ހާޝިމީ ވަންހައިގެ ޢަރަބިންގެ ދަރިކޮޅު އެއްކޮށް ވެރިކަމުގެ ދާއިރާއިން ނައްތާލެވުނީ އެވެ.

14 ޖުލައި 1958 ގައި، ޢިރާޤްއަށް ގެނެވުނު އިންޤިލާބްގެ ވެރިއަކީ، އަދި ރިޕަބްލިކް އޮފް ޢިރާޤްގެ ރައީސް އަކީ، މުޙައްމަދު ނަޖީބް އަލްރުބައިޢީ (MOHAMMAD NAJIB AR RUBAI, 1904 – 1965) އެވެ. އިންޤިލާބްގެ ބައިވެރިއަކީ، ފުރަތަމަ ބޮޑު ވަޒީރު، ޢަބްދުލްކަރީމް ޤާސިމް (ABDUL KARIM QASIM, 21 NOV 1904 – 9 FEB 1963) އެވެ. ޕްރައިމިނިސްޓަރ ޢަބްދުލްކަރީމް ޤާސިމް އަށް، 7 އޮކްޓޯބަރ 1959 ގައި ޤާތިލާނާ ޙަމަލާއެއް، އޭރު ޢުމުރުން އެންމެ، 20 އަހަރުގެ ޞައްދާމް ޙުސައިން ދިނެވެ. އެހެނަސް އެޙަމަލާއިން ޢަބްދުލްކަރީމް ޤާސިމް ސަލާމަތްވީއެވެ. މިޖުމްހޫރިއްޔާ ގައި ވެސް ވެރިރަށަކީ، ބަޣްދާދް އެވެ. ވެރިކަމުގެ ވައްތަރަކީ، މިލިޓްރީ، އަދި އެއްޕާޓީ ސަޔާސަތުގެ ނިޒާމްއެވެ. ވެރިކަން ހިންގަނީ، މިލިޓްރީ ކައުންސިލް އަކުންނެވެ. ޤައްމުގެ ރައީސް އަކީ، އެކައުންސިލްގެ ވެސް ރައީސްއެވެ. މުޙައްމަދު ނަޖީބް އަށް، ރައީސް ކަމުގައި ހުންނެވުނީ، 14 ޖުލައި 1958 އިން ފެށިގެން، 8 ފެބްރުއަރީ 1963 އަށެވެ. 1963 ގައި ގެނެވުނު ރަމަޟާން އިންޤިލާބްގައި މަރާލެވެން ދެނެވެ.

އާދެ! ފުރަތަމަ ބޮޑު ވަޒީރު، ޢަބްދުލްކަރީމް ޤާސިމް، އޮފީހުގައި އިންނެވީ، 14 ޖުލައި 1958 އިން ފެށިގެން، 8 ފެބްރުއަރީ 1963 އަށެވެ. ފަހެ، 14 ޖުލައި އިންޤިލާބްގައި އިސްކޮށް އުޅުއްވި، މުޙައްމަދު ނަޖީބް އާއި ޢަބްދުލްކަރީމް ޤާސިމް އަކީ، އިނގިރޭސިން ޢިރާޤްގައި ޤައިމްކުރި ހާޝިމީ ދަރިކޮޅުގެ ރަސްކަން ނިމުމަކަށް ގެނެސް ޖުމްހޫރީ ވެރިކަމެއް، ޢިރާޤްއަށް ގެނެސްދިން ދެލީޑަރުންނެވެ. ވަރަށް ޤައްމީ ވަންތަ، ވަޠޮނީޚިޔާލްގެ ދެބޭފުޅުން ނެވެ. ޢަސްކަރީ ޖެނެރަލުން ނެވެ. 14 ޖުލައި އިންޤިލާބް ލީޑްކޮށްދިން، ދެމީހުންނާ އެކު، ގިނަ ޢަދަދެއްގެ މިނިވަން ޚިޔާލްގެ ޢަސްކަރީން ބައިވެރިވިއެވެ. ފަހެ، ޢަސްކަރީ މިގްރޫޕް މަޝްހޫރު ވެފައިވަނީ، ފްރީ އޮފިސަރސް ގެ ގޮތުގައެވެ. ޤާސިމް އާއެކު ނަގާކިޔުމުގައި، އަބްދުއްސަލާމް ޢާރިފް ވެސް އުޅުއްވި އެވެ. ޤާސިމް އެކޭ އެއްގޮތަށް، ޢާރިފް އަކީ ވެސް، ޢިރާޤް ފްރީއޮފިސަރސް ޓީމުގެ މެމްބަރެކެވެ. އެކުވެރިގާތް ޢަސްކަރީ ދެ ޖެނެރަލުންނެވެ. ޢާރިފް އަކީ، ޢަރަބި އިސްރާއީލީ ކޮންފްލިކްޓް ގައި، ޢިރާޤްގެ ޢަރަބި ލަޝްކަރުގެ ފީލްޑްމާޝަލްކަން ކުރެއްވި ލީޑަރއެވެ. އަދި ޤާސިމް އާ އެކު، ޢިރާޤްގައި އިނގިރޭސިން އުފައްދައިދިން ހާޝިމީ ރަސްކަން ނަންތާލުމުގައި އިސްކޮށް ޢަމަލީ ގޮތުން އުޅުއްވި ޢަސްކަރީ ވެރިއެކެވެ. އަދި، 14 ޖުލައި އިންޤިލާބް އަށް ފަހު، ޢިރާޤްގެ އާސަރުކާރު ގައި ޤާސިމްގެ އެހީތެރިއެއްގެ ގޮތުގައި ވަރަށް ކައިރީގައި ބެހެއްޓެވި ބޭފުޅެކެވެ. ޑެޕިއުޓީ ޕްރައި މިނިސްޓަރ ކަމާއި އިންޓީރިއަރ މިނިސްޓަރ ކަމާއި ޢިރާޤްގެ އަރމީ ފޯރސަސްގެ ޑެޕިއުޓީ ކޮމާންޑަރ އިންޗީފްކަން ދެއްވި ބޭފުޅާއެވެ.

އެހެނަސް، ފަހުން މައްސަލަތައް އުތުރި އަރައި ދެމީހުންގެ ގުޅުން މުޅިން ގޯސްވީއެވެ. ޤާސިމް އަކީ، ވަރަށް ޢިރާޤީވަންތަ ޤައުމީ އަދި ވަޠޮނީ ފިކްރުގެ ބޭފުޅެކެވެ. ޢަބްދުއްސަލާމް ޢާރިފް އަކީ، ވަރަށް ޕޭން ޢަރަބިސްޓް (PAN – ARABIST) ފިކްރުގެ ލީޑަރއެކެވެ. ތަފާތު ދެފިކްރު އެއްގަލަށް ނާރާއި އެކުނުވުމުގެ ސަބަބަކަށްވީ، މިދެބޭފުޅުންގެ މެދުގައި ދެކޮޅުވެރިކަމުގެ ދުޝްމަނީ އުފެދުމެވެ. ޢާރިފް އަކީ، ޢަރަބި ވަޙްދަތެއް އަރަބިންގެ މެދުގައި އޮތުމަށް ބޭނުންވާ ބޭފުޅެކެވެ. މިޞްރުގެ ޖަމާލް އަބްދުއްނާޞިރަށް ތާއީދުކުރާ ބޭފުޅެކެވެ. ޤާސިމްގެ ވިސްނުން ހުރީ، ޢިރާޤްގެ ވަޙްދަތަށް އެކަންޏެވެ. މިޞްރުގެ ޖަމާލް ޢަބްދުއްނާޞިރު އިސްކޮށް ހުންނަވައިގެން ސޫރިޔާ އާއި މިޞްރް އާ ގުޅިގެން ޢަރަބި ވަޙްދަތެއް އުފެދިގެން ދިޔައީ މިދުވަސްވަރު އެވެ. ޢާރިފް އަކީ، ޖަމާލް ޢަބްދުއްނާޞިރުގެ މަސައްކަތުން މިޞްރު އާއި ސޫރިޔާ އައި ގުޅިގެން އެކުލަވާ ލެވުނު، ޔުނައިޓެޑް އެރަބް ރިޕަބްލިކް، ޔޫއޭއާރ (UNITED ARAB REPUBLIC – UAR) އަށް، ޢިރާޤްގެ ފަރާތުން ތާއީދު ދެއްވި ބޭފުޅެކެވެ. މިވަޙްދަތުގައި ޢިރާޤްގެ ބައިވެރިވުން ބޭނުންވި ބޭފުޅެކެވެ. ފަހެ، ސިޔާސީ ގޮތުން މިކަންތައް ގަނޑު ބޮޑުވެ ޤައުމީ ސިޔާސީ ކަމަކަށް ބަދަލުވުމުން، އެންމެފަހުން ޤާސިމް ހެއްދެވި ގޮތަކީ، ސަރުކާރުގެ ހުރިހާ އިސްމަޤާމް ތަކަކުން، 12 ސެޕްޓެމްބަރ 1958 ގައި، ޢާރިފް ވަކި ކުރައްވާފައި ޖަރމަންގެ ބޮން ގައި ހުންނަވާ ޢިރާޤްގެ އެމްބެސެޑަރ ކަމުގައި، ފޮނުއްވައި ލެއްވީއެވެ. ރީތިކޮށް ޤައުމުން ބޭރުކޮށް ލެއްވީއެވެ. އެހެނަސް އެމަޤާމުން އިސްތިޢްފާ ދިނުމަށް ފަހު، ޢާރިފް އެނބުރި ޢިރާޤަށް، 4 ނޮވެންބަރ 1958 ގައި އައުމުން ސަރުކާރާ ދެކޮޅު މައްސަލަ ތަކެއްގެ ތުހުމަތުގައި ބަންދުވެ ޖަލަށް ލެވި، 1959 ފެބްރުއަރީ ގައި ޖަލަށް ލުމަށް، ޙުކުމް ކުރެވުނެވެ. އެހެނަސް، 1961 ނޮވެންބަރ ގައި ޢާރިފް މިނިވަންކޮށް ދޫކޮށް ލެއްވީ، ވެސް ޤާސިމް އެވެ. (ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.