އިސްލާމްދީނުގައި އަސާސީ ބޭނުންތައް ފުއްދުމުގެ ޙައްޤު (1)

އިންސާނާގެ އަސާސީ ބޭނުންތައް ފުއްދުމުގެ ޙައްޤަކީ އޭނާގެ ފުރާނައިގެ އިޙްތިރާމުގެ ތަޞައްވުރާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ކޮންމެ އިންސާނަކުވެސް އޭނާގެ ހުއްދަ ބޭނުންތައް ފުއްދަން މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަން އިސްލާމްދީން ޤަބޫލުކުރެއެވެ. އެކަމަށްޓަކައި އޭނާއަށް މާތް اللّه ގެ ބިމާއި އެބިމުގައި ލައްވައިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރެވިދާނެއެވެ. އިންސާނާގެ އަސާސީ ބޭނުންތަކުގެ ތެރޭގައި ކާބޯތަކެއްޗާއި، އުނުފޭރާމާއި، ގެދޮރާއި، ޚާދިމުންނާއި މިބާވަތުގެ ކަންތައްތައް ހިމެނެއެވެ. އެއިން ކޮންމެ ކަމަކާމެދުވެސް އިސްލާމްދީން ވަނީ ޚާއްޞަ އިމެއް ހަމަޖައްސައިފައެވެ. އެއިން އެއްވެސް ކަމެއް ލިބިގަތުމަށް އިސްލާމްދީން ހުރަހެއް ނާޅައެވެ. އަދި ކީއްތޯއެވެ. އިސްލާމްދީން ވަނީ އެކަންކަން ލިބިގަތުމަށް ބާރުއަޅައި ހިތްވަރުދީފައެވެ.

އާމްދަނީ ހޯދަން މަސައްކަތްކުރުމުގެ ޙައްޤު

މާތް اللّه އުފައްދަވައިފައިވާ މިބިމުގައި އިންސާނާއަށް ރިޒުޤު ހޯދޭނެ ތަނަވަސް ވަސީލަތްތަކެއް ވަނީ ލައްވައިފައެވެ. އެ ވަސީލަތްތައް ހޯދައި ލިބިގަތުމާއި، އެ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް މަސައްކަތްކުރުމަކީ ބިންމަތީގައި ދިރިއުޅޭ ކޮންމެ މީހެއްގެ ފިޠުރީ ޙައްޤެކެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ.

هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ وَإِلَيْهِ النُّشُورُ (الملك: ١٥)

މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުން ވަނީ، އެކަލާނގެ حضرة އަށެވެ."

އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

اللَّهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ * وَسَخَّرَ لَكُمْ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِنْهُ إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ (الجاثية: ١٢ - ١٣)

"اللّه އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمة ތެރި ކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ أمرފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. އަދި އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރި ކޮށްދެއްވިއެވެ. އެހުރިހައި ތަކެއްޗެއް ވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއް ވާކަން ކަށަވަރެވެ."

(މީގެ އިތުރުންވެސް މިމޭރުމުން ކީރިތި ޤުރްއާނުގައި އިތުރު އިރުޝާދުތައް ދެއްވައިފައިވެއެވެ. އިތުރު މަޢުލޫމާތަށްޓަކައި ކީރިތި ޤުރްއާނުގެ طه ސޫރަތުގެ ފަންސާސް ތިންވަނަ އާޔަތާއި ފަންސާސް ހަތަރުވަނަ އާޔަތް ބެއްލެވުން އެދެމެވެ.)

ހުކުރުނަމާދުގެ އަހަންމިއްޔަތު ބަޔާންކޮށްދެއްވައި އެ ނަމާދުގައި ބައިވެރިވުން ލާޒިމު ކަމުގައި ކަނޑައެޅުއްވުމާ ގުޅިގެން ވަޙީކުރައްވައިފައިވެއެވެ.

فَإِذَا قُضِيَتِ الصَّلَاةُ فَانْتَشِرُوا فِي الْأَرْضِ وَابْتَغُوا مِنْ فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ (الجمعة: ١٠)

"ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياة ގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللّه ގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން  اللّه ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ."

އާދެ، މި އާޔަތުގެ މަޠުލަބަކީ ނަމާދުކޮށް ނިމުމަށްފަހު މާތް اللّه ގެ ފަޟުލުވަންތަކަން ހޯދުމަށްޓަކައި ބިމުގައި ފެތުރިގަތުމުގެ ހުއްދަ ލިބިގެންވާކަން އެންގެވުމެވެ. ބިން ވަނީ ތިޔަބައިމީހުންނަށްޓަކައިކަމާއި، އެ ބިމުގެ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަކީ ތިޔަބައިމީހުންގެ ޙައްޤެއްކަން އެންގެވުމެވެ.

އިންސާނާއާ ފުރާނަ އެޅުއްވި އެހެނިހެން މަޚްލޫޤުތަކާ ދެމެދު ހުރި އެއްތަފާތަކީ އިންސާނާ ފިޠުރީ ގޮތުން ސާފުޠާހިރު ޙަލާލު ކާނާ ބޭނުންވާކަމެވެ. ނުތާހިރު ހަޑިމުޑުދާރު ކާއެއްޗެހި އޭނާގެ ފިޠުރަތަކާ އެއްގޮތެއް ނޫނެވެ. އޭނާގެ ޠަބީޢަތަކާ އެއްގޮތެއް ނޫނެވެ. އެފަދަ ކާއެއްޗެހި އޭނާގެ ޞިއްޙަތަށް ގެއްލުންދެއެވެ. ދުޅަހެއިކަން ނައްތައިލައެވެ. އެހެންކަމުން އޭނާ ރޮލާ ކާ އެއްޗެހިވެސް ސާފުޠާހިރުވާން ޖެހެއެވެ. އޭނާ ކައްކައިގެން ނުވަތަ ފިހެގެން ރަހަމީރުވާ ގޮތަށް ނުވަތަ ހަޖަމުކުރަން ފަސޭހަވާ ގޮތަށް ތައްޔާރުކޮށްގެން ކާ އެއްޗެހިވެސް ނަޖިހުންނާއި އަދި އެނޫންވެސް ހަޑިމުޑުދާރުކަމުން ސަލާމަތްވާން ޖެހެއެވެ.

ސާފުޠާހިރު ޙަލާލު ކާއެއްޗެހި ހޯދަން މަސައްކަތްކުރުމަކީ އިސްލާމްދީނުގެ ނަޒަރުގައި އިންސާނާގެ އަސާސީ ޙައްޤެކެވެ. އެކަމަކީ ދީންވެރިކަމާއި ތަޤްވާވެރިކަމާ ޚިލާފު ކަމެއް ނޫނެވެ. ޝައްކެއްނެތެވެ. މި މަސައްކަތުގައި ދީނުގެ ޙަރާމް ޙަލާލު ހުއްދަ ނުހުއްދައަށް ބަލަންވާނެއެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ.

يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ * إِنَّمَا يَأْمُرُكُمْ بِالسُّوءِ وَالْفَحْشَاءِ وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ (البقرة: ١٦٨ – ١٦٩)

"އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ. އެ شيطان އާ ތިޔަބައިމީހުންނަށް أمر ކުރާކަން ކަށަވަރީ ނުބައި ކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ."

އުނުފޭރާން ލިބުމުގެ ޙައްޤު

އިންސާނާގެ އަސާސީ ބޭނުންތަކުގެ ތެރޭގައި ފޭރާންވެސް ހިމެނެއެވެ. ފޭރާން ލިބުމަކީ އޭނާގެ އަސާސީ ޙައްޤެކެވެ. ފޭރާމަކީ އިންސާނާއަށް އެތައް ގޮތަކުން ބޭނުންތެރި އެއްޗެކެވެ. އިންސާނާއާއި ޖަނަވާރާ ތަފާތުކޮށްދޭ އެއްކަމަކީ ފޭރާމެވެ. އެތަނަކުން ފެންނަ ޖަނަވާރުތަކެއް ޖިސްމާނީ ގޮތުން އުފެދިފައިވަނީ އެތަނެއްގެ ވެއްޓާ ގުޅޭފަދަ ގޮތަކަށެވެ. މޫސުން ގޯސްވެ ޖަނަވާރުތަކަށް އެ ވެއްޓެއްގައި އުޅޭން އުނދަގޫވެއްޖެނަމަ އެތަކެތި އެހެން ތަނަކަށް ހިޖުރަކުރެއެވެ. ނަމަވެސް އިންސާނާ މިއާ ތަފާތެވެ. އޭނާއަކަށް މޫސުމުގެ ފިނިހޫނު ބަރުދާސްތެއް ނުކުރެވެއެވެ. އޭނާ މޫސުމުގެ އުނދަގޫތަކުން ދިފާޢުވަނީ ފޭރާމުގެ އެހީގައެވެ. އަނެއްކޮޅުން ޙަޔަވާނުންގެ ކިބަޔަކު ލަދުޙަޔާތުގެ ޖަޒުބާތެއް ނުހުރެއެވެ. ނަމަވެސް އިންސާނާގެ ފިޠުރަތުގައި ވަނީ ލަދުވެތިކަމުގެ އިޙްސާސް ލައްވައިފައެވެ. އޮރިޔާންކަމަކީ އޭނާގެ ފިޠުރަތާ ޚިލާފު ކަމެކެވެ. ޠަބީޢަތާ ނުގުޅޭ ކަމެކެވެ. އިންސާނާ އޭނާގެ ހަށިގަނޑުގެ ލަދުވެތި ގުނަވަންތައް ފޮރުވަން ބޭނުންވެއެވެ. އާދަމުގެފާނާއި ޙައްވާގެފާނުގެ ހަށިކޮޅުން ސުވަރުގޭގެ ފޭރާންކޮޅު ނިގުޅައިގަނެވުނު ހިނދު ގަސްގަހާގެހީގެ ފަތްތަކުން އެ ދެކަނބަލުން ހަށިކޮޅު ނިވާކުރައްވާން މަސައްކަތްކުރެއްވީ މިދެންނެވި ޖަޒުބާގެ ސަބަބުންނެވެ.

فَدَلَّاهُمَا بِغُرُورٍ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآَتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَأَقُلْ لَكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُبِينٌ (الأعراف: ٢٢)

މާނައީ: "އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ."

ފޭރާމަކީ އިންސާނާގެ ޒީނަތްތެރިވުމާއި ނަލަހެދުމުގެވެސް ވަސީލަތެކެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

يَا بَنِي آَدَمَ قَدْ أَنْزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآَتِكُمْ وَرِيشًا وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ذَلِكَ مِنْ آَيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ (الأعراف: ٢٦)

މާނައީ: "އޭ آدم ގެ ދަރީންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަންބޮޑެވެ. އެކަންތައްތައް ވަނީ، اللّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ."       

އާދެ، މިގޮތުން އިސްލާމްދީން ވަނީ ފޭރާމުގެ އަދި ކީއްތޯއެވެ؟ ރީތި ފޭރާމުގެ މުހިންމުކަމާއި ބޭނުންތެރިކަން ބަޔާންކޮށްދީފައެވެ. ފޭރާމަކީ އިންސާނާގެ އަސާސީ ބޭނުމެއްކަން ޤަބޫލުކޮށްފައެވެ. ޝައްކެއްނެތެވެ. އިސްލާމްދީން ބާރުއަޅަނީ އިންސާނާގެ ބޭރުފުށް ނިވާކުރާ ފޭރާމުގެ ފިކުރުގައި ތަޤްވާގެ ފޭރާމުގެ މަތީން ހަނދާންނައްތައިނުލުމަށެވެ. (ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.