އޮލިމްޕަސް ކުއްޔަށް ދޫކުރާ އަގު ހެޔޮކޮށްފި

އޮލިމްޕަސް ޕީއެސްއެމްގެ ދަށަށް ބަދަލު ކުރުމަށްފަހު އެތަން ކުއްޔަށްދޭ އަގު ހެޔޮކޮށްފިއެވެ.

ޕީއެސްއެމްއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހި ފިލްމެއް ދެއްކުމަށް ކުރިމް ކުއްޔަށް ދޫކުރާ އަގަކީ 4000 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއަގު 2000 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބަޔާނުގައި ވެއެވެ.

އެތަނުގެ އެތެރެ މިހާރުވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ފިލްމު ދައްކަން ބޭނުންކުރާ ޕްރޮޖެކްޓަރވެސް ހަލާކުވެފައި ހުންނަތާ އެތައް މަހެއްވެއްޖެ ކަމަށް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ. އެހެން ކަމުން ޕްރޮޖެކްޓަރާއި ސައުންޑް ސިސްޓަމް ޒަމާނީ ފެންވަރަށް ގެނެސް ޒުވާނުންނަށް ޚާއްސަ ވަސީލަތްތައް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޕީއެސްއެމްއިން ވިދާޅުވެފައިވަނީ އެތަނުގެ އުންމީދަކީ އޮލިމްޕަހުގައި ހެނދުނާއި، މެންދުރާއި، ހަވީރާއި އަދި ރޭގަނޑުވެސް ފިލްމު ދައްކާ ތަނެއްގެ ގޮތުގައި އެތަނުގެ ޚިދުމަތް ފަށައިގަތުމެވެ.

"ދިވެހިންގެ މެދުގައި މަގުބޫލު އެކި ސަގާފަތްތަކާއި ބަސްބަހުގެ ފިލްމުތަކާއި ކުޑަކުދިންނަށް ޚާއްސަ ފިލްމުވެސް ގަވާއިދުން އޮލިމްޕަހުގައި އޭރު ދައްކަމުންދާނެއެވެ." އޭގެ އިތުރަށް ދިވެހި ފިލްމުތައް ޕްރޮމޯޓުކޮށް އިތުރަށް މަގުބޫލް ކުރުމަށް ޚާއްސަ ސަމާލު ކަމެއް ޕީއެސްއެމް އިން ދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.