ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ވަނީ ބޭއިންސާފާއި، އަނިޔާވެރިކަން އާންމުވެފައި ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހއ. އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހި ދައުލަތުގެ ޚަޒާނާ ބޭނުން ކޮށްގެން ބަޔަކު ވަރަށްބޮޑެތި ޖަރީމާތައް މިގައުމުގައި އެބަ ހިންގާ ކަމަށެވެ. އަދި މުންކަރާތްތައް މިވަނީ އާންމުވެ އަތް ނުފޯރާ ހިސަބަށް ގޮސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެ މުންކަރާތްތައް ހުއްޓުވަން ނުކުތުމަކީ ކޮންމެ މީހަކަށް ވާޖިބެއް ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުންކަރާތްތަކާއި ވައްކަމާއި އަނިޔާވެރިކަން ނުހުއްޓުވައިފި ކަމަށްވާނަމަ އެންމެ އެއްކޮށް ނެތި ހިނގައިދާނެ ކަމަށެވެ.
މިހާރުވެސް ރާއްޖޭގެ ޖަލުތަކުގައި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސްއާއި، އެތައް އަހަރެއްވަންދެން ގައުމުގައި ވެރިކަންކޮށް އެތައް ޚިދުމަތް ކޮށްދެއްވި ބޭފުޅުން ބަންދުކޮށްފައި އެބަ ތިއްބެވި ކަމަށެވެ. އަދި މިހާރު ވަނީ އެބޭފުޅުން ޓެރަރިސްޓުންނަށް ހަދައިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކާއި، އާންމުންގެ އެތައް ބަޔަކު ހިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ އަނިޔާވެރިކަމަށް މަދަދާއި އެއްބާރު ލެއްވުން ދެއްވާ ބައެއް ބޭފުޅުން ފުލުހުންގެ ތެރޭގައިވެސް އެބަތިއްބެވި ކަމަށެވެ. އެކަން އެބޭފުޅުން ހުއްޓާލަން ޖެހޭ ކަމަށާއި ހުއްޓާލުމަށް އެހެން މީހުން ދައްކާ ވާހަކަ އަޑު އެހުމުގެ ބަދަލުގައި އެ މިސާލު ފުލުހުންގެ ތެރެއިން ފެންނަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކޮބައިތޯ ތިޔަ ބޭފުޅުންގެ ކޮމިޝަނަރުކަން ކުރެއްވި އެންމެ އިސްވެރިން. އެކަކު، ދެމީހުން، ތިންމީހުން ޖަލުގައި، ކޮންކަމެއްކޮށްގެންތޯ؟" އޭނާ ސުވާލު ކުރެއްވިއެވެ. އެކަން ކަމަކީ ފުލުހުން އިބުރަތް ލިބިގަންންޖެހޭ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ތެރޭގައި ތިބެގެން ރައްޔިތުންނަށް މޫނަށް ޕެޕަސްޕްރޭ ޖަހަން އިއްޔެ އުޅުނު އެތައް ބަޔަކުވެސް މިހާރުވަނީ ޖަލަށް ލައިފައި ކަމަށާއި އެބޭފުޅުން ސަލާމަތް ކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ސަރުކާރުގެ އަނިޔާވެރިކަމަށް ދެން އެހީތެރިވާ ބޭފުޅުންގެ ތެރޭގައި ޕީޖީ އޮފީހުގެ ބައެއް ވަކީލުންނާއި، ބައެއް ފަނޑޔާރުންވެސް ހިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ
ހިތާމަކުރާ ކަމެއް ކަމަށާއި އެބޭފުޅުންގެ ތެރެއިން ކުރިން އެގޮތަށް ކަންތައް ކުރެއްވި ބޭފުޅުންގެ ނިމުން އައިގޮތް ދެކެންޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. ފަނޑިޔާރުންވެސް މިކަންކަމަށް ވިސްނަންވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިޚާބަކަށް ދިޔުމުގެ ކުރިން އަނިޔާވެރިކަން ހުއްޓުވާނެ ކަމަށެވެ.