ވޭތުވެދިޔަ 4 އަހަރު ކުޅިވަރު ޖަމްއިޔާތަކަށް 268 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ޔޫތު މިނިސްޓްރީންގެ ތާފަސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 4 އަހަރުތެރޭގައި އެމިނިސްޓްރީންވަނީ ކުޅިވަރުގައި ޙަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކާއި ގައުމީ ކުޅިވަރު ކުޅުންތެރިންނަށް 268 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ އެފަރާތްތައް އަމިއްލަ ފައިމައްޗަށް ތެދުކުރުމުގެ ގޮތުން މިނިސްޓްރީން ކުރެއްވި ހޭދައެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފާއިތުވިއަހަރު އެކަނިވެސް ރާއްޖޭގެ އަތޮޅުތަކުގެ 17 ފުޓްބޯޅަ ދަނޑު މަރާމާތުކޮށް ބެލެހެއްޓުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުންވަނީ ހަތްލައްކަ އަށްޑިހަހާސް ހަސަތޭކަ ތޭރަ ރުފިޔާ ނުވަދިހަލާރި ޚަރަދު ކޮށްފައެވެ.

އެ މަސައްކަތް ކުރުމަށް އެފައިސާ ޖަމާކޮށްދީފައިވަނީ އެ އަތޮޅުތަކުގެ ކައުންސިލުގެ އިދާރާގެ ބަޖެޓަށް ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ހަމަ އެއަހަރު ރާއްޖެ ތަމްސީލްކޮށް ރީތިނަން ހޯދައިދިން ޓީމްތަކަށް މަރުޙަބާ ދެންނެވުމަށާއި އެފަދަ އެހެނިހެން ކަންކަމަށް ހަތްލައްކަ އަށްޑިހަ ހަހާސް އަށްސަތޭކަ އަށްޑިހަ ހަތްރުފިޔާ ފަސްދޮޅަސް ފަސްލާރި ހޭދަކޮށްފައިވާ ކަމަށްވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންވަނީ ދައްކައިފައެވެ.

މިއަހަރުގެ މާޗް މަހުގެ ފަހުކޮޅާ ހަމަޔަށް ޔޫތު މިނިސްޓްރީއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި ކުޅިވަރުގެ އެކިކަންކަމަށް ދޫކުރި ފައިސާގެ އަދަދު ވަނީ 11 މިލިޔަނަށްވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި ނެޝަނަލް ސްޕޯޓްސް އެސޯސިއޭޝަންތަކަށް ޚަރަދުވި ފައިސާއާއި، ކުޅުންތެރިންނަށް ދެއްވި މެޑަލް ފައިސާއާއި، ޒޯން ސްޓޭޑިއަމްތަކަށް ދޫކުރި ފައިސާއާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ކުޅުންތެރިންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ 243 ކުޅުންތެރިންގެ މުސާރަވެސް ހިމެނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގައުމީ ކޮންމެ ކުޅިވަރު ޓީމެއްގެ ކުޅުންތެރިންގެ އިތުރަށް ޓީމުތަކުގެ އޮފިޝަލުންނަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މުސާރަދެމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.