މަރަދޫފޭދޫ ބަލިކޮށް ފޭދޫ ހަމަޖެހިލައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސ. އަތޮޅު ޓޯނަމެންޓުގައި ފޭދުއާއި މަރަދޫފޭދޫ މިއަދު ބައްދަލުކުރި މެޗު ފޭދޫ ކާމިޔާބު ކޮށްފިއެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު އެ މެޗު ފޭދޫ ކާމިޔާބުކުރީ 4-3 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ފޭދޫ އިންނެވެ. އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 6 ވަނަ މިނިޓުގައި އެޓީމްގެ ޖާޒީ ނަމްބަރު 24 އަހުމަދު އައިމަނެވެ. ފޭދޫ ލީޑު ކުރަމުން ދަނިކޮށް މެޗުގެ 14 ވަނަ މިނިޓުގައި މަރަދޫފޭދޫ އިން ވަނީ އެމީހުންގެ ފުރަތަމަ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ޖަހައިދިނީ މަރަދޫފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 10 މިފްޒާލް ލަތީފެވެ. ފޭދޫގެ ދެވަނަ ލަނޑުޖަހައި ދެވަނަ ފަހަރަށް އެޓީމަށް ލީޑުނެގީ މެޗުގެ 42 ވަނަ މިނިޓުގައި އެޓީމުގެ ޖާޒީ ނަމްބަރު 7 މުހައްމަދު އާލިފް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީވެސް އޭނާ އެވެ. އެލަނޑު އޭނާ ޖަހައިފައިވަނީ މެޗުގެ 45 ވަނަ މިނިޓުގައެވެ. އެޓީމުގެ 4 ވަނަ ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 11 މުހައްމަދު އިންޝަލް އެވެ. އެ ލަނޑު ޖަހައިދީފައިވަނީ 49 ވަނަ މިނިޓުގައެވެ.

މަރަދޫ ފޭދޫގެ ދެވަނަ ލަނޑު ޖަހައި ފަރަގު ކުޑަކުރީ މެޗުގެ 87 ވަނަ މިނިޓުގައި އެޓީމުގެ ޖާޒީނަމްބަރު 7 ހުސައިން ޝާމިން އެވެ. އެޓީމުގެ 3 ވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑެކެވެ. އެލަނޑުވެސް ޖަހައިދީފައިވަނީ ހުސައިން ޝާމިނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ.

މިނަތީޖާއާއެކު ފޭދުވާނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓް ހޯދައިފައެވެ. މިމުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ހިތަދުއާއި، މަރަދޫއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.